English Edition
Dhivehi Edition

ކޮމަންޑޫ ދާއިރާގެ ބައި-އިލްކެޝަނުގެ ކަންތައްތައް އިންތިޒާމުކުރުމަށް ށ.ފޯކައިދޫއަށް ފޮނުވާފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުން ތިބޭނެ ތަނެއް ހަމަޖެއްސީ އެރަށަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓުން ކަމަށާއި އަދި އެތަން ކަނޑައެޅުމުގެ ކުރިން އިދިކޮޅު ޕީޕީއެމްވެސް ހިމެނޭގޮތަށް ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްފައިވާ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

އިންތިޚާބަށް ނުފޫޒުފޯރުވުމަށް އެމްޑީޕީގެ މެމްބަރުން މަސައްކަތްކުރާ ކަމަށްބުނެ އިދިކޮޅުން ހިންގި ހަމަނުޖެހުމާއި ގުޅިގެން ފުއާދު ވިދާޅުވީ އީސީގެ މެމްބަރުން ތިބި ތަނަކީ އެމްޑީޕީއަށް ނިސްބަތްވާ ފަރާތެއްގެ މެނޭޖުމެންޓެއް އޮންނަތަން އެނގިފައި ނުވާކަމަށެވެ.

“އިދިކޮޅުން ކުރާ ތުހުމަތުތަކާއެކު އެއްވެސް ޕާޓީއެއްގެ މެމްބަރަކަށް ނިސްބަތްނުވާ ތަނަކަށް އީސީގެ މެމްބަރުން ބަދަލުކުރުމަށް މިހާރުވާނީ އަންގާފައި. ސަބަބަކީ މަސްލަހަތައް ފުށުއަރާގޮތަށް އެއްވެސް ކަމެއް ކުރުމަށް ބޭނުންވާތީ” ފުއާދު ވިދާޅުވިއެވެ.

އީސީގެ 15 އޮފިޝަލުން މިވަގުތު ފޯކައިދޫގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އެއްފޮށްޓެއްގެ ހަތް މެމްބަރުންނާއި އަނެއް ފޮށީގެ އަށް މެމްބަރުންނެވެ. މި ފަރާތްތައް ފޯކައިދޫއަށް ގޮސްފައިވަނީ ހުކުރު ދުވަހުގެ މެންދުރެއް ހާއިރުއެވެ.