English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގެ ފަސް އަހަރު، ފޯކައިދޫގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވެއްޖެއެވެ.

އާސިފް މިހެން ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަމުންނެވެ. ފޯކައިދޫގައި ކުރިއަށްދާ މި ޖަލްސާގައި ވާހަކަދައްކަމުން އާސިފް ވިދާޅުވީ ކުރީގެ ރައީސް ޔާމީން ފޯކައިދޫއަށް ވަޑައިގެން، އެމަނިކުފާނުގެ ވެރިކަމުގައި އެރަށުގައި މަޝްރޫއުތައް ހިންގެވިކަމަށް ވިދާޅުވި ނަމަވެސް އެއީ ތެދުފުޅެއް ނޫން ކަމަށެވެ.

ރައީސް ޔާމިންގެ ވެރިކަމުގައި ފޯކައިދޫއިން ޚާއްސަ ޓީމެއް އެމަނިކުފާނާ ބައްދަލު ކުރުމަށް މާލެ ގޮސްގެންވެސް ބައްދަލުވެފައި ނުވާކަން ފާހަގަކޮށް އާސިފް ވިދާޅުވީ ފަސް އަހަރު ނިމިގެން ދިޔައިރުވެސް އެކަން ކާމިޔާބުވެފައި ނުވާކަމަށެވެ.

މީގެ އިތުރުން އާސިފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެދުނީ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންގޮސް ދިނުމަށް ކަމަށާއި, އެކަންވެސް ނުވިކަމަށެވެ، ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އާސިފް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލަށް ބަޖެޓްގެ ގޮތުގައި ލިބުނީ ހަމައެކަނި މުސާރަ ދެވޭވަރަށްކަމަށެވެ.