English Edition
Dhivehi Edition

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންސްގެ ކަންތައްތައް އިންތިޒާމުކުރުމަށް ށ.ފޯކައިދޫގައި ތިބި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން ބައްދަލުކޮށް ވޯޓު އޮޅުވާލަން އުޅޭ ކަމުގެ ތުހުމަތާ އެކު އެ ރަށުގައި ހަމަނުޖެހުން ހިންގައިފިއެވެ.

އެ ހަމަނުޖެހުން ހިންގީ އޮފިޝަލުން ތިބި ތަނުގެ ތެރެއަށް ޕީޕީއެމްގެ ސަޕޯޓަރުންތަކެއް ވަދެ އެވެ. އެތަނަށް ވަން މީހުން ތުހުމަތުކުރާ ގޮތުގައި އީސީގެ އޮފިޝަލުން ތިބީ ކެމްޕޭންގައި އެމްޑީޕީގެ ޖަގައެއްގެ ގޮތުގައި ބޭނުންކުރާ ގެސްޓްހައުސްއެއްގަ އެވެ.

ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ރ.އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ހިމެނޭހެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފޯކައިދޫގެ ސަންސެޓް ރެސްޓޯރެންޓުގައި އީސީގެ މެމްބަރުންނާއި ބައްދަލުކޮށްފައެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ފޯކައިދޫގައި ތިބި އީސީގެ އޮފިޝަލުންނާ އެމްޑީޕީގެ ބައެއް މެމްބަރުން ބައްދަލުކުރާ ކަމުގެ މައުލޫމާތު ލިބިގެން ޕީޕީއެމްގެ ޓީމުތައް އެތަނަށް ވަނީ ކަމަށެވެ. ފޯކައިދޫގެ ސަން ސެޓް ގެސްޓް ހައުސްއަކީ އެމްޑީޕީގެ ޖަގަހައެއްގެ ގޮތުގައި ބޭނުންކުރާ ތަނެއް ކަމަށާއި އީސީގެ އޮފިޝަލުން ބައިތިއްބާފައި ތިބީ އެތަނުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތުގައި އެ މައްސަލަ މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ރިޕޯޓްކޮށްފަ އެވެ.

ފޯކައިދޫގައި ހަމަނުޖެހުން ހިންގިއިރު މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތާ އެކު ޕީޕީއެމުން އަންނަނީ އީސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި، ކޮމަންޑު އާއި ފޯކައިދޫގެ އިތުރުން މަރޮށީގައި މިއަދު ވޯޓުލާން ވަނީ ތައްޔާރުވެފަ އެވެ. އެ ދާއިރާގައި ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ އެ ގޮނޑި ފުރުއްވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމުންނެވެ. ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދުގެ އިތުރުން ވާދަކުރައްވަނީ ޕީޕީއެމްގެ މޫސާ ފަތުހީ އާއި އެމްއެންޕީގެ އަބްދުލް ހަންނާނެވެ.