English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައި ސަރުކާރުން ކުރިޔަށްގެންދިޔަ ތަރައްޤީގެ ބައެއް މަޝްރޫޢުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވީ ފޯކައިދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިގޮތުން މިއަދު ހަވީރު އެރަށުގައި ވަކި ވަކިން ކުރިޔަށް ގެންދިޔަ ތިން ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ވަނީ ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި އެރަށު ފުޓުބޯޅަދަނޑު ހުޅުއްވައިދެއްވައިފައެވެ.

ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމި ޚިދުމަތްދޭން ފަށާފައި ވާއިރު، ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވަނީ އެމްޓީސީސީއިންނެވެ. މީގެ އިތުރުން ވެސް ފޯކައިދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއެކު ސޯލަރ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިޔަށްގެންގޮސްފައެވެ.

ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.