English Edition
Dhivehi Edition
ފޮޓޯ ސޯޝަލް މީޑިއާ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދައުލަތުން ދޭ އިނާޔަތް މި އަހަރު ފަހުކޮޅު ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިހާތަނަށް އައިއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާބެހޭ ޖުމްލަ އަދަދާ ތަފްޞީލް އެނގޭ ޤައުމީ ދަފްތަރެއް ނެތް ކަމަށާއި އެހެންކަމުން މިފަދަ ގައުމީ ދަފްތަރެއް މިއަހަރު ނިންމައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިފަދަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި. އަދި އެދަފްތަރަކީ އެމީހުންނަށް ބޭނުންވާ ފަރުވާއާއި ރީހެބިލިޓޭޝަން އަދި ތެރަޕީއާ އެހެނިހެން ޚިދުމަތްތަށް ދިނުމަށް އެކުލަވާލާ ދަފްތަރެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އެ ދަފުތަރަކީ އެ މީހުންނަށް ބޭނުންވާ ފަރުވާ އާއި ރީހެބިލިޓޭޝަން އަދި ތެރަޕީ އާއި އެހެނިހެން ހިދުމަތްތަށް ފޯރުކޮށްދިނުމަށް އޮތް ވަސީލަތް ކަމުގައި ވާނެ. މި ދަފުތަރު ނިންމައި މި އަހަރުގެ ފަހު ކުއާޓާގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑު ކުރުމަށް އަޅުގަނޑު ނިންމައިފިން،” ރައީސް ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އިނާއަތް ފޯރުކޮށްދިނުމަށް ހެދިފައިވާ ގާނޫނު ނަމްބަރު 8/2010 ގެ 26 ވަނަ މާއްދާއިން ލިބިދޭ -/2000 ރުފިޔާގެ ފައިސާގެ އިނާޔަތަކީ، މިހާރު ދިވެހިރާއްޖޭގެ ޚިދުމަތާއި ތަކެތީގެ އަގު ހުރިގޮތައް ބަލާއިރު އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރައްވާ ފަރާތްތަކުން ބުނެއެވެ.

އިނާޔަތް ބޮޑުކުރާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް ބޮޑުކުރާނީ ކިހާ މިންވަރަކަށް ކަމެއް ވިދާޅެއް ނުވެއެވެ.