ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް މުޅިދުނިޔޭގެ އެކި މަންޒިލްތަކަށް ފެށުމަށް މިއަހަރު އެ އެއާލައިނަށް ބިޔަ މަތިންދާ ބޯޓުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމީއެއާލައިން ހަރުދަނާކުރުމުގެ އިތުރުން ޑްރޯން މެދުވެރިކޮށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކަށް ބޭސް ފޮނުވުމުގެ މަސައްކަތްވެސް މިއަހަރު ފަށާނެކަމަށެވެ.
“ރާއްޖޭގެ ގައުމީއެއާލައިން ދުނިޔޭގެ ބިޔަ މަންޒިލްތަކަށް އުދުހުމަށްޓަކާ އެކަމަށް އެކަށޭނެ ބިޔަ މަތިންދާބޯޓުފަހަރު ގެންނާނަން. މީގެ އިތުރުން ޑްރޯން ޑެލިވަރީ ސިސްޓަމް ތައާރަފްކުރުމަށް ބޭނުންވާ ރެގިއުލޭޓަރީ މަސައްކަތްފަށައި ޓެސްޓު ފުލައިޓުގެ ފުރަތަމަ ބުރު ނަވާރަ ޖެނުއަރީ ދެހާސް ސައްވިހުގަ ކާމިޔާބުކަމާއެކު ވަނީ ބޭއްވިފަ,” -ޑރ. މުއިއްޒު-
ރައީސް ވިދާޅުވީ ވިިޔަފާރި އުސޫލުން މަސައްކަތްފެށުމުގެ ކުރިން ޑްރޯން ރެގިއުލޭޓަރީގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާކަމަށެވެ. ރައީސް ވިދާޅުވީ މި ހިދުމަތާއެކު ރާއްޖޭގެ އެކި ހިސާބުތަކަށް ބޭނުންވާ ބޭހާއި ކޮންޒިއުމަބަލްސް ފޯރުކޮށްދެވޭނެކަމަށެވެ.
ރައީސް މިހެން ވިދާޅުވި ނަމަވެސް, މޯލްޑިވިއަންއިން ވަނީ އެ އެއާލައިންގެ ފްލީޓް އައު ކުރުމުގެ މަސައްކަތް ރައީސް ސޯލިހުގެ ވެރިކަމުގައި ފަަށާފައެެވެ. މި މަސައްކަތުގެ ދަށުން މިހާރު 3 ބޯޓު ގެނެސް އޮޕަރޭޝަނަށް ވެސް ވަނީ ނެރެފައެވެ. އައިލެންޑް އޭވިއޭޝަނުން ވަނީ އޭޓީއާރު 42-600 މަރުކާގެ 5 ބޯޓު ހޯދުމަށް މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ވަނީ އިއުލާނުވެސް ކޮށްފައެވެ.