English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު

މި ސަރުކާރުން މީޑިއަތައް ބްލެކް ލިސްޓެއް ނުކުރާނެކަމަށް މިއަދު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރަށް މިވީ 11 ހަފުތާގެ ތެރޭ 5 ފަހަރަށް ނޫސްވެރީންނާ ބައްދަލުކޮށްފައިވާކަމަށާ ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް މީޑިއާ ޔުނިޓްތައް އުފައްދައި، ނޫސްވެރީންނަށް މަޢުލޫމާތު ފޯރުކޮށްދެމުން އަންނަކަމަށެވެ. އަދި މުހިންމު ހުރިހާ ކަމަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން ނޫސްވެރީންގެ ބައްދަލުވުންތައް ބާއްވަމުން އަންނަކަމަށާ މިހުރިހާ މަސައްކަތެއް ވެސް ކުރިއަށް ގެންދާނީ ދެފުށް ފެންނަގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

“އަޅުގަނޑުގެ ވިސްނުމަކީ އަދި އުންމީދަކީވެސް މީޑިއާތަކާ އަދި ރައްޔިތުންނާ ވީހައިވެސް ގާތުން ސަރުކާރުން މަސައްކަތް ކުރުން. ވަޒީރުން، ސީދާ ރައްޔިތުންގެ ސުވާލުތަކަށް ކޮންމެ ދެމަހުން އެއްމަހަކު ޖަވާބުދާރީވުމަށް ބާއްވާ “އަހާ” ފޯރަމް، މިދިޔަ ޖެނުއަރީމަހު ވަނީ ފަށާފައި. އޭގެ އިތުރުން، ކޮންމެ 3 މަހުން 1 މަހަކު ރައްޔިތުންގެ ސުވާލުތަކަށް ސީދާ އަޅުގަނޑު ޖަވާބުދޭން ބާއްވާ ޚާއްޞަ ސިލްސިލާއެއް މިމަހު އިރާދަކުރެއްވިއްޔާ ފަށާނަން. މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، މަދުވެގެން ކޮންމެވެސް އެއް ރައްޔިތެއްގެ ވީޑިއޯ ސުވާލަކަށް ސީދާ އަޅުގަނޑު ކޮންމެ ދުވަހަކު ޖަވާބުދޭން ފަށައިފިން. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް މަހެއްހައި ދުވަހުގެ ތެރޭ، ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އަޅުގަނޑަށް ހުށަހެޅޭގޮތަށް ޚާއްޞަ ޕޯޓަލްއެއް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލާނެ. ރައްޔިތުންގެ ހުށަހެޅުންތަކަށް އިރާދަކުރެއްވިއްޔާ ސީދާ އަޅުގަނޑު ޖަވާބުދާރީ ވާނަން. އަދި އަޅުގަނޑުގެ އުންމީދަކީ ރައްޔިތުންގެ އެކި ޖަމާޢަތްތަކާ ބައްދަލުކުރުމާއި، ރައްޔިތުންގެ ގޭގެއަށާއި ޢާއިލާތަކަށާއި ރާއްޖޭގެ އެކި ރަށްރަށައް ޒިޔާރަތްކުރުން.” ރައީސް ވިދާޅުވިއެވެ.

ނޫސްވެރިންނަށްވެސް އަދި ރައްޔިތުންނަށްވެސް މި ސަރުކާރުން ފޮރުވާނެ ކަމެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާ ސަރުކާރުގެ ބައެއް އިދާރާތަކަށް، ބައެއް މީޑިއާތަކަށް ނުވަދެވޭގޮތަށް ބްލެކް ލިސްޓެއް މި ސަރުކާރަކު ނޯންނާނެކަމަށެވެ. އިތުރުން ރައީސް ވިދާޅުވީ މީޑިއާތަކަށް އޮފީސް ޖާގަ ލިބުން ދަތިވާތީ އެކަން ޙައްލުކޮށްދިނުމަށް ހުޅުމާލޭގައި މީޑިއާ ވިލެޖެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.