އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭން ހުއްޓުވުމަށް ކުރެވެން ހުރިކަންކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ 241 ކޮމިޓީ އަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
މި ކެމްޕޭން ހުއްޓުވުމަށްޓަކައި، ރައީސް ނަޝީދު ސޮއި ކުރައްވާ 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދަވާ އިންޑިއާ އައުޓް ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
އިންޑިއާ އަކީ އެތަކެއް ހާސް ދިވެހިންނެއް އެ ގައުމުގައި ދިރިއުޅެމުން އަންނަ ގައުމަކަށްވާއިރު “އިންޑިއާ އައުޓް”ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ މިފަދަ އަމަލުތަކަކީ ތަހުޒީބު އެއްވެސް މުޖުތަމައެއްގައި ބަލައިގަންނަ އަމަލަކަށް ނުވާއިރު އެއީ ރާއްޖޭގެ މަސްލަހަތާއި ހިލާފުކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ،
އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް ނަޝީދު 241 ކޮމިޓީއަށް އެންގެވިއިރު އެމްޑީޕީން ވަނީ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ސިޔާސީ ހަރަކާތް ހިންގައިފި ނަމަ އަދަބު ލިބޭ ގާނޫނެއް ފާސްކުރުމަށްޓަކައި، އެގާނޫނުގެ ބިލް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. “ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލް” ގެ ޑްރާފްޓިން މަރުހަލާ ކުރިއަށްދާއިރު މަޖިލީސް ހުޅުވުމާއެކު މި ބިލް މަޖީލީހަށް ވެއްދުމަށް އެމްޑީޕީއިން އަންނަނީ ތައްޔާރުވަމުންނެ.