ސުލްހަވެރި މަޝްވަރާއަށް ހުރަސް އެޅޭފަދަ އެއްވެސް ކަމެއް ނުކުރުމަށް، ކެޓެލޯނިއާގެ ލީޑަރަށް ޔޫރަޕިއަން ކައުންސިލުގެ ރައީސް ގޮވައިލައްވައިފިއެވެ.
ސަރަހައްދީ ލީޑަރުންނާ ބައްދަލުކުރައްވަން ބްރަސަލްސްގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫރަޕިއަން ކައުންސިލުގެ ރައީސް ޑޮނަލްޑް ޓަސްކު ވިދާޅުވީ އޭނާއަށް ދެފަރާތުގެ އިހްސާސްތަކާއި ހިތްހަމަ ނުޖެހުންތައް ވިސްނޭ ކަމަށެވެ.
އެނާ ވިދާޅުވި ގޮތުގައި މިވަގުތު ކެޓެލޯނިއާގެ ރައީސް މިނިވަންކަން އިއުލާން ކޮށްފިނަމަ، ސްޕެއިނާއި، މުޅި ޔޫރަޕް ސަރަހައްދަށް ވެސް ބޮޑު ކާރިސާއެއް ކުރިމަތި ވެދާނެ ކަމަށެވެ.
ކެޓެލޯނިއާގެ ލީޑަރު އަދި ރައީސް ކާލްސް ޕުއިގްޑެމޮންޓް އަންގާރަ ދުވަހު ކެޓެލޯނިއާ ސަރަހައްދުގެ ރައްޔިތުންގެ މަޖިލީހުގައި މިނިވަންކަން އިއުލާން ކުރާގޮތަށް ވަނީ ހަމަ ޖެހިފައެވެ.
ޓަސްކް ވިދާޅުވި ގޮތުގައި އެނާ ހަމައެކަނި އެކަމަށް އެދިވަޑައިގަންނަނަވަނީ ޔޫރަޕިއަން ކައުންސިލްގެ ރައީސްގެ ހައިސީއްޔަތުން ނޫންކަމަށާއި، ކެޓެލޯނިއާގެ ރައީސްގެ އިހުސާސްތައް ދެނެވަޑައިގަންނަވާ އަދި އެކަން ދެކެވަޑައިގެންނެވި ބޭފުޅެއްގެ ހައިސީއްޔަތުން ކަމަށެވެ.
ޓަސްކް ވިދާޅުވީ މީގެ ދުވަސްތަކެއް ކުރިން އެނާ ސްޕެއިންގެ ބޮޑުވަޒީރު އަރިހުގައިވެސް ބާރުގެ ބޭނުން ނުކޮށް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
“އަހަރެން އެހެން ކަމުން (ޕުއިގްޑެމޮންޓް) ގެ އަރިހުން މި އެދެނީ ގާނޫނީ ހަމަތަކަށް ތަބާވުމަށާއި، ސުލްހަވެރި މަޝްވަރާތަކަށް ހުރަސް އެޅޭފަދަ އެއްވެސް ފިޔަވަޅެއް ނޭޅުމަށް” ޓަސްކް ވިދާޅުވިއެވެ.
ޔޫރަޕްގެ އިއްތިހާދުން ވަނީ ކެޓެލޯނިއާގެ ނިންމުމަކީ ގާނުނާ ޚިލާފު ނިންމުމެއް ކަމަށް ބުނެފައެވެ. އެ މައްސަލައިގައި އެ އިއްތިހާދުން ބުރަވެފައިވަނީ ސްޕެއިން ކޮޅަށެވެ.
ޔޫރަޕް އިއްތިހާދުން މި މައްސަލައިގެ ތެރެއަށް ސީދާ ނުވަދެއެވެ. ނަމަވެސް އިއްތިހާދު އިސް ގިނަ އޮފިޝަލުން ބުނެފައިވަނީ ކެޓެލޯނިއާގެ މިނިވަން ކަމަކީ ގާނޫނީ އިމުގެ ތެރެއިން ދިޔަ ކަމެއް ނަމަވެސް ކެޓެލޯނިއާ އިއްތިހާދުގެ މެންބަރަކަށް މިނިވަން ދައުލަތެއްގެ ގޮތުގައި ނުވާނެ ކަމަށެވެ.
ކެޓެލޯނިއާ ތަމްސީލް ކުރުމަށް ޔޫރަޕްގެ ކޮމެޓީ އޮފް ރީޖަންސްގައި ހުންނެވި ބޭފުޅަކު ވަނީ މި މައްސަލައިގައި ޔޫރަޕުންދިން ފިނި ޖަވާބަށް ފާޑު ވިދާޅުވެފައެވެ. އެނާ ވިދާޅުވީ މިއީ ސްޕެއިންގެ ދާޚިލީ މައްސަލައެއް ނޫންކަމަށާއި، ވޯޓުގައި ސްޕެއިންގެ ފުލުހުން “އަނިޔާވެރި” ވެފައިވާ ކަމަށެވެ.