English Edition
Dhivehi Edition

ތުރުކީ އާއި ރާއްޖެ އާ ދެމެދު ރަސްމީ މަޝްވަރާތައް މާދަމާ އޮންނާނެ ކަމަށާއި ގިނަ އެއްބަސްވުންތަކެއްގައި ސޮއެ ކުރާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ތުރުކީގެ ފޮރިން މިނިސްޓަރ މެވްލުތު ޗަވުޝޯލޫ މިހާރުރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މާދަމާ ފަސް އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން ވިޔަފާރީގެ ދާއިރާއާއި، ސަގާފަތާއި ތަރިކައިގެ ދާއިރާއާއި، ތިމާވެށީގެ ދާއިރާއާޢި ދަނޑުވެރިކަމުގެ ދާއިރާ އަދި ޚާރިޖީ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުންތަކުގައި ސޮއެ ކުރުމަށް ނިންމާފައިވާ ކަމަށް ބުނެއެވެ.

ތުރުކީގެ ފޮރިން މިނިސްޓަރގެ މިދަތުރުފުޅުގައި ދިވެހިސަރުކާރާ ތުރުކީ ސަރުކާރާ އެކު ރަސްމީ ވާހަކަތައް މާދަމާ ބާއްވާ އިރު، ރަސްމީ ވާހަކައިގައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ތުރުކީގެ ފޮރިން މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިހަށް މާދަމާ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް ވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވުޝޯލޫ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

މިއީ ދިވެހިރާއްޖެއާ ތުރުކީއާއި ސިޔާސީ ގުޅުން ޤާއިމްކުރިފަހުން މިވީ 42 އަހަރުގެ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓަރަކު ރަސްމީ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.