English Edition
Dhivehi Edition
ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް ޓްވިޓަރ

ގއ. ދެއްވަދޫގައި ގާއިމުކުރި ޕޮލިސް ޑެސްކެއް ގާއިމުކޮށް، ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ގާއިމުކުރި ޕޮލިސް ޑެސްކެކެވެ.

އެކަމަށްޓަކައި ދެއްވަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޑެސްކު ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވީ ފުލުހުން ގާއިމުވުމުން ރައްޔިތުންނަށް ލިބޭ ހިތްހަމަޖެހުމަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އިތުބާރާއެކުގައި ޚިދުމަތް ފޯރުކޮށްދޭނެކަން ކަށަވަރުވުން ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން ރައްޔިތުން އެދޭފަދަ އިތުބާރުހުރި، ޒިންމާދާރު ހަރުދަނާ ޚިދުމަތެއް ރައްޔިތުންނަށް ގާއިމުކޮށްދިނުން ކަމަށެވެ.

“ރައްޔިތުންގެ ކިބައިން ފުލުހުން އެދެނީ ރައްޔިތުން ފުލުހުންނަށް އިހުތިރާމުކޮށް އިތުބާރުދީ އަދި އެކުގައި މަސައްކަތްކުރުމުގެ މާހައުލު ގާއިމު ކުރުން. އެއީ މުޖުތަމައެއް އަމާންވެ ރައްކާތެރިވެގެންދާނެ ކަމެއް.” ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ދެއްވަދޫގައި ޕޮލިސް ޑެސްކެއް ގާއިމުކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ. އަދި ރަށަކީ އަމާން ސުލްހަވެރި ކުޑަ އާބާދީއެއް އޮތް ރަށަކަށް ވީނަމަވެސް މިފަދަ ރަށްރަށުގައި ވެސް ކުށާއި ކުށުގެ ބިރުވެރިކަން އިތުރުވެގެން އަންނަ އައުން އެއީ ފުލުހުން އެކަމާ ކަންބޮޑުވާ ކަމެއް ކަމަށެވެ.

“ރަށްރަށުގައި ހަމައެކަނި ފުލުހުން ބޭތިއްބުމާ ހަމައިން ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާވެގެން ނުދާނެ. ރައްޔިތުންގެ އުންމީދުތަކާ އެެއް ހަމައަކަށް އައުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ބަދަލުތައް އަންނަނީ ގެންނަމުން.” ސީޕީ ވިދާޅުވިއެވެ.

އެގޮތުން، އަތޮޅުތެރޭގައި ފުލުހުން މަސައްކަތްކުރާނެ ގޮތްތަކުގެ ރަނގަޅު އޮނިގަނޑެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ރަށުގެ މުޖުތަމައާއި ކައުންސިލުު އަދި ރަށު ފެންވަރުގެ އެހެނިހެން އިދާރާތަކާއެކުގައި ދެމެހެއްޓެނިވި މަސައްކަތްތަކެއްކޮށް، ހަރުދަނާކަމާއެކު މަސައްކަތްކުރިއަށް ގެންދިއުމަށްޓަކައި އެ އޮނިގަނޑުން މަގުފަހިކޮށްދެވޭނެ ކަމުގައި ފާހަގަކުރެއްވިއެވެ.

ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް ޓްވިޓަރ

ދެއްވަދޫ ޕޮލިސް ޑެސްކު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްއާއި ސައުތު ޕޮލިސް ރީޖަން ކޮމާންޑަރާއި ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ގއ. އަތޮޅު ކައުންސިލު ރައީސްއާއި ދެއްވަދޫ ކައުންސިލުގެ ރައީސް ބައިވެރިވެލެއްވިއެވެ.

ދެއްވަދޫ ޕޮލިސް ޑެސްކު ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޑެސްކު ބައްލަވާލައްވާފައެވެ.