English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫގައި އަޅާފައިވާ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން އައްޑޫސިޓީ ހުޅުދޫ އަވަށުގައި ޢިމާރާތްކޮށްފައިވާ 48 ފްލެޓްގެތެރެއިން A,B ކެޓަގަރީގައި ހިމެނޭ 37 ފްލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މި ގޮތުން A ކެޓަގަރީއިން ދޫކުރާ 27 ފްލެޓް ހާއްސަކޮށްފައިވަނީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށެވެ. މީގެ އިތުރުން B ކެޓަގަރީގެ 10 ފްލެޓް ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ހުޅުދޫ އަދި މީދޫގައި މިހާރު ދިރިއުޅޭ ރަށުން ބޭރުގެ ފަރާތްތަކާއި ހުޅުދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ މީހުންނަށެވެ.

ފްލެޓަށް އެދޭ ފޯމު ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތަކާއެކު، 27 ފެބުރުވަރީ 2022 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން ފޯމް ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ފޯމު ދޫކޮށް ބަލައިގަންނާނީ ހުޅުދޫ އަދި މީދޫ އަވަށު އޮފީހުންކަމަށާއި ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 ން 14:00 އަށް ކަމަށެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ހުޅުދޫގައި 48 ފްލެޓް އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު 2020 ވަނަ އަހަރުވެސް ހުޅުވާލާފައިވާއިރު، އޭރު ފްލެޓް ލިބުނު ބައެއް ފަރާތްތަކުން އެގްރީމަންޓްގައި ސޮއިކޮށްފައެއް ނުވެއެވެ.