ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތު ހިފުމުގެ މައްސަލައިގެ އަޑުއެހުންތައް ފަސްކުރުމުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކަމާއި ކަންބޮޑުވުންފާޅުކޮށްފިއެވެ.
ޓްރާންސްޕޭރެންސީ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މަހުލޫފުގެ ޝަރީއަތް ދެން ކުރިއަށް ދާނީ ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކަމަށް ކުރިމިނަލް ކޯޓުން އިއުލާނުކުރުމުން ދޭހަވާ ކަމަކީ އެ ކޯޓުން އަމަލުކުރާ އުސޫލުތަކުގެ ދެފުށްނުފެންނަކަން ކަމަށެވެ.
ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދެވޭނެ އުސޫލެއް 2020ވަނަ އަހަރު ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިންވަނީ ގާނޫނުލް އުގޫބާތުގައި ބޮޑު ކުށެއްކަމުގައި ކަނޑައެޅިފައިވާ މައްސަލައެއްގައި އެހެންވުން އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް ބުނެފައެވެ.
Today @CRCMaldives announced that court proceedings for Minister Mahloof's case will take place after #COVID19 circumstances have improved. The lack of #transparency on the guidelines the Court is following, as other court proceedings are ongoing, is highly concerning… https://t.co/b3P5L3pP2V
— Transparency MV (@TransparencyMV) January 26, 2022
މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވާއިރުވެސް ރައީސް އޮފީހުން އޭނައާ މެދު ފިޔަވަޅު އަޅާފައިނުވާތީ އެ ކަމަށް ފާޑުކިޔަމުން އެ ޖަމިއްޔާއިން ބުނެފައިވަނީ ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވާ ބޭފުޅުންނަށް ފިޔަވަޅު އަޅާނީ ދައުވާ ކުރުމަށް ފޮނުވުމުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްވެސް އެ މޭރުމުން ވާހަކަދައްކާފައިވާއިރު، “ލިޔެވިފައި ނުވާ” އުސޫލުތަކެއްގެ ދަށުން ކޮރަޕްޓް މީހުންނަށް ބާރުވެރި މަގާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން އެމީހުންގެ މައްސަލަތަކުގައި ހުރި ހެކި ފޮރުވުމަށާއި އަދި ކޮރަޕްޝަންގެ އިތުރު އަމަލުތައް ހިންގުމަށް މަގުފަހިވާކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.