English Edition
Dhivehi Edition

ހާލު ދެރަވެ ގދ. ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށް ފަރުވާ ދެނިކޮށް މިއަދު ނިޔާވި އުމުރުން އެންމެ ތިން މަހުގެ ތުއްތުކުއްޖާގެ މަރާއި ގުޅިގެން ޑޮކްޓަރަކު ސަސްޕެންޑް ކޮށްފިއެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ 03 މަހުގެ ކުއްޖަކު ގދ. ތިނަދޫގައި މިއަދު ނިޔާވި މައްސަލައިގެ ތަހުގީގު ނިމެންދެން، އެ ކުއްޖާއަށް ފަރުވާދިން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރު ސަސްޕެންޑް ކޮށްފިއެވެ.

އޭ.އޯ ނިއުސް އަށް އެނގިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ސަސްޕެންޑް ކޮށްފައި ވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ބިދޭސީ ޑޮކްޓަރެކެވެ.

މިއަދު ގދ. ތިނަދޫގައި ނިޔާވި ތުއްތުކުއްޖާ ނިޔާވީ ކޮވިޑް ޖެހިގެންކަމަށް ފުރަަތަމަ ރިޕޯޓް ކޮށްފައިވީ ނަމަވެސް، އެއީ ކޮވިޑް މަރެއް ނޫން ކަމަށް އެޗް.ޕީ.އޭ އިން ވަނީ ނިންމާފައެވެ. ތުއްތު ކުއްޖާ ކޮވިޑަށް ޕޮޒިޓިވް ވިތާ މިއަދަށް މިވީ 16 ދުވަހެވެ. އަދި މިއީ އެ ބަލިން ރަނގަޅުވެގެން އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލަން އޮތް ދުވަހެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ފަތިހުގެ ވަގުތެއްގައި ނިޔާވި ތުއްތުކުއްޖާގެ އާއިލާ އިން ތުހުމަތު ކުރަނީ ކުއްޖާ މަރުވެފައި ވަނީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށެވެ. މި މަހު 04 ގައި ކޮވިޑަށް ޕޮޒިޓިވްވި ކުއްޖާ މަރުވީ މިއަދު ހޮސްޕިޓަލުން ދޫކޮށްލަން ހަމަޖެހިފައި ވަނިކޮށެވެ.