އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެންބަރު ކަމުން ދީނީ އިލްމުވެރިޔާ އައްޝައިހް އަލީ ޒައިދު އިސްތިއުފާ ދެއްވައިފި އެވެ.
އަލީ ޒައިދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިއަދުން ފެށިގެން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި އިލްމުވެރިންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އާއި އެހެނިހެން މެމްބަރުން އޭނާއާމެދު އަމަލު ކޮށްދެއްވާފައިވާ ގާތްކަމާއި އޯގާތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައިވެއެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަލީ ޒައިދު ހާމަކުރައްވާފައެއް ނުވެއެވެ. އެހެންނަމަވެސް އަލީ ޒައިދު ވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓަށް ތާއިދުނުކުރައްވާކަން ހާމަކޮށްފައެވެ.
އަލީ ޒައީދު މި ގޮތަށް ވިދާޅުވެފައި ވަނިކޮށް އިއްޔެ ހަވީރު ބޭއްވި އަދާލަތު ޕާޓީގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އަދާލަތުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓަށް ދީފައެވެ.