ކޮމަންޑޫ ދާއިރާގައި ތަރައްޤީގެ އެހާ ގިނަ މަޝްރޫއު ހިންގާކަން ކުރިން އެނގިވަޑައިގެންފައި ނުވާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީގެ ކެނޑިޑޭޓު މުހައްމަދު ރާޝިދު ގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ކޮމަންޑީ ދާއިރާގައި ތަރައްޤީގެ މަޝްރޫއުތައް ހިންގަމުންދާ މިންވަރު އެނގިވަޑައިގަތުމުން ސިއްސައިގެން ކަދިޔަ ކަމަށެވެ. އަދި އެކަމަނާވެސް ހުންނަވަނީ ސަރުކާރުގައި ކަމަށާއި އެހެން ނަމަވެސް އެހާ ގިނަ މަޝްރޫއު ހިންގާކަން ކުރިން އެނގިވަޑައިގެންފައި ނުވާކަމަށް މާރިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިންގަމުންދާ ކަމަށާއި އެ މަޝްރޫއުތައް ގުނައި އަދަދު ނުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ އެ ތަރައްޤީއަށް އެހީތެރިވަނީ އިންޑިއާ އިން ކަމަށާއި “އިންޑިއާ އައުޓް” ޖަހައިގެން އިދިކޮޅު ފަރާތްތަކުން ދަނީ ތަރައްޤީ ހުއްޓުވަން މަސައްކަތް ކުރަމުންކަމަށެވެ. އިދިކޮޅު ފަރާތްތަކުން “އިންޑިއާ އައުޓް” ޖަހައިގެން ކެމްޕެއިން ކުރަމުން ގެންދަނީ ތަރައްޤީ ހުއްޓުވުމަށްކަން ފާހަގަކޮށް މާރިޔާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ވެކްސިންކޮޅުވެސް ދިނީ އިންޑިއާ އިން ކަމަށާއި، އިދިކޮޅު ފަރާތްތަކުގެ ބޭނުމަކީ އިންޑިއާއިން ވެދޭ އެހީތެރިކަން ހުއްޓުވުން ކަމަށެވެ.