English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ މަސްވެރިންނާއި ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ފުވައްމުލައް މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މެމްބަރު ހުސައިން މިހެން ވިދާޅުވެފައިވަނީ ދާދި ފަހުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި މިފްކޯގެ އިސްވެރިން، ފުވައްމުލައް ސިޓީ ކައުންސިލާއި، އެ ސިޓީގެ ރައްޔިތުންނާއި އެކު ބައްދަލުވުންތަކުގައި ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވަމުންނެވެ.

މި ގޮތުން ފުވައްމުލައް ސިޓީގެ ދަނޑުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާލުގެ މައްސަލަކަމުގައި ފާހަގަކޮށް “ވާ’ ކޮންޓްރޯލް ކުރުމާއި، ވެރިން ޢާންމުކޮށް ކުރާ މަސްވެރިކަމަކީ ވަދު މަސްވެރިކަން ކަމުގައި ފާހަގަކޮށް، ވަދުކަނދު މަސްވެރިކަމަށް ފުވައްމުލައް ސަރަހައްދުގައިވާ އޮއިވާލި ކަނދުފަތި ކްލެސިފައިޑް ކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ފުވައްމުލައް މަސްވެރިންނަށް މިފްކޯއަށް މަސްކިރުވޭނެ ފަސޭހަ ގޮތްތަކެއް ފުވައްމުލައް ސިޓީގައި ހަމަޖެއްސުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން މެމްބަރު ހުސައިން ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމަށް ޒުވާނުން ނުކުމެ ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން މި ދާއިރާއިން އާމްދަނީއެއް ހޯދިދާނެކަމަށެވެ. ފުވައްމުލައް ސިޓީގެ މަސްވެރިންނާއި ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ހުސައިން ވަނީ ދެއްވާފައެވެ.