English Edition
Dhivehi Edition
މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން އަދި މިފްކޯގެ އިސްވެރިން، ފުވައްމުލައް ސިޓީ ކައުންސިލާއި، އެ ސިޓީގެ ރައްޔިތުންނާއި އެކު ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން މައިގަނޑު 3 ކަމާއިމެދު ވަނީ މަޝްވަރާކޮށްފައެވެ، މިގޮތުން ފުވައްމުލައް ސިޓީގެ ދަނޑުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވާލުގެ މައްސަލަކަމުގައި ފާހަގަކޮށް “ވާ’ ކޮންޓްރޯލް ކުރުމަށް އަވަސް ހައްލެއް ހޯދުމާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ފުވައްމުލައް ސިޓީގެ މަސްވެރިން ޢާންމުކޮށް ކުރާ މަސްވެރިކަމަކީ ވަދު މަސްވެރިކަން ކަމުގައި ފާހަގަކޮށް، ވަދުކަނދު މަސްވެރިކަމަށް ފުވައްމުލައް ސަރަހައްދުގައިވާ އޮއިވާލި ކަނދުފަތި ކްލެސިފައިޑް ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.
މީގެ އިތުރުން ފުވައްމުލައް މަސްވެރިންނަށް މިފްކޯއަށް މަސްކިރުވޭނެ ފަސޭހަ ގޮތްތަކެއް ފުވައްމުލައް ސިޓީގައި ހަމަޖެއްސުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.
ފުވައްމުލައް ސިޓީގެ މަސްވެރިންނާއި އޮޑިވެރިން އަދި ދަނޑުވެރިންނާއެކު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މަސްވެރިންނާއި އޮޑިވެރިން އަދި ދަނޑުވެރިން ގެ ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާކޮށްފައިވާއިރު ރައްޔިތުން ކުރި ސުވާލުތަކަށް ވަނީ ޖަވާބުދެއްވާފައެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީގައި “ވާ” ކޮންޓްރޯލް ކުރުމަށާ އަވަސް ހައްލެއް ހޯދުމާއި ބެހޭގޮތުންނާއި، ވަދުކަނދު މަސްވެރިކަމަށް ކަނދުފަތި އެޅުމާއި ގުޅޭގޮތުން، އަދި ފުވައްމުލައް ސިޓީގައި މަސްގަނެ ރައްކާކުރެވޭނެ ގޮތް ހަމަޖެއްސުމާއި ގުޅޭގޮތުން މިފްކޯގެ ފަރާތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.