English Edition
Dhivehi Edition

ކޮވިޑް-19 ޕެންޑެމިކަށް ނިމުމެއް ގެނައުމަށް އޮތް އެންމެ މުޖައްރަބު މަގަކީ އެންމެންނަށް ވެކްސިން ކަށަވަރުކޮށްދިނުންކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އދގެ އާއްމު މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ފެށުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިން ލިބުމުގެ ތަފާތުކަން އޮންނަހާ ހިނދަކު މި ބަލިމަޑުކަން ނިމުމަކަށް ނުގެނެވޭނެކަމަށެވެ. އަދި އައު ވޭރިއެންޓުތައް ފެންމަތިވަމުންދާނެ ކަމަށާއި، ބައެއް ވޭރިއެންޓުތައް ވަރަށް ނުރައްކާވެ ނުވަތަ ވެކްސިންތަކަށް ނުކަތާވަރު ވެދާނެކަމަށެވެ.

މީގެ ސަބަބުން އަޅުގަނޑުމެން މިހާތަނަށް ކޮވިޑް-19 އާ ދެކޮޅަށް ކުރި ހުރިހާ މަސައްކަތެއް ފެނަށް ދިޔުމުގެ ބިރު އެބައޮތްކަމަށް ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިކަމުން ސަލާމަތް ވެވެން އޮތީ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވަގުތުން ވެކްސިން ލިބޭގޮތް ހަދައިގެން ކަމަށާއި ވެކްސިން އުފެއްދުމާއި ވެކްސިން ބެހުމުގެ ދުވެލި ބާރުކޮށް، ރޯލްއައުޓް ކުރުމަށް ދިމާވާ ހުރަސްތައް ނައްތާލައި، ވެކްސިންގެ ހަމަހަމަކަން ޤާއިމުކުރުމަށް ބައިނަލްއަޤުވާމީ މުޖްތަމައުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަންޖެހޭކަމަށެވެ.