ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯއަށް މިއަދު ވަޑައިގެންފި އެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅަކީ މިމަހުގެ 14 އިން 16 އަށް ޓޯކިޔޯގައި ބާއްވާ މިއުނިކް ލީޑާސްގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި މިދަތުރުފުޅުގައި އެމަނިކުފާނު، ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔާޝީ ޔޮޝިމާސާގެ އިތުރުން މިއުނިކް ލީޑާސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ވަޒީރުންނާ ބައްދަލުކުރައްވާނެ އެވެ.
Foreign Minister Shahid arrives in Japan for an Official Visit
📃 Press Release | https://t.co/TxxX1sBLEC pic.twitter.com/KvIwmMUY7U
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 15, 2023
މިއުނިކް ސެކިއުރިޓީ ކޮންފަރެންސް އިން އިންތިޒާމްކޮށްގެން ބާއްވާ މިއުނިކް ލީޑާސް ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންނާއި މިނިސްޓަރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ސަލާމަތީ ސިޔާސަތާއި ސަރަހައްދީ ސަލާމަތީ ގޮންޖެހުންތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް ބަހުސްކުރާނެ އެވެ.
މިނިސްޓަރު ޝާހިދު ޖަޕާނަށް ވަޑައިގަތީ ސާބިއާ އާއި ހަންގޭރީގެ އިތުރުން ސްވިޑަންއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެވެ.