English Edition
Dhivehi Edition

ނަމާދަކީ ކީރިތިވަންތަ މާތްﷲ އެންމެ ލޯބިވެވޮޑިގަންނަވާ އެންމެ މާތް އަޅުކަމެވެ. އެއީ ދީނުގެ ތަނބެވެ. މާތްވެގެންވާ އިސްލާމް ދީނުގެ ދެވަނަ ރުކުނެވެ. އަޅާއާއި ﷲއާއި ގުޅާލަދޭ މަތިވެރި ގުޅުމެވެ. ނަމާދު އަޅައިފިމީހަކަށް މިދީނުގެ އެއްވެސް ނަސީބެއް ނުވެއެވެ.

ނަމާދުތަކުގެ ތެރެއިން އެންމެ މާތް އެއް ނަމާދަކީ ފަތިސް ނަމާދެވެ. ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާއަށް އެދުވަހުގެ ރައްކާތެރިކަން މާތް ﷲ ކަށަވަރުކުރައްވަވާފައިވާކަމަށް އިލްމުވެރިން ވިދާޅުވެއެވެ. ފަތިސް ނަމާދުގެ މާތްކަމާއި މަތިވެރިކަން މިހާ މުހިންމު އިރު، މިއަދު އަޅުގަނޑުމެންގެ ހާލަތަކީ ކޮބައޮތޯއެވެ. ޚާއްޞަކޮށް ޒުވާނުންނެވެ. ގިނަ ޒުވާނުންނަކީ ރޭގަނޑު ހަތަރުދަމު ހޭލާ މަޖަލާއި މުނިފޫހި ފިލުވުމުގައި ހޭބޯ ނާރާ އުޅޭ ޒުވާނުންނެވެ.

ކުޅިވަރާއި މަޖަލުގައި މުޅި ރޭގަނޑު ހޭދަކުރުމަށްފަހު ބޮޑު ރަޖާ އަޅައިގެން ނިދަން އޮށޯންނަނީ ފަތިސް ނަމާދު މަތިން ހަނދާން ނައްތާލާފައެވެ. ހުރިހިތާމައެއްގެ ބޮޑު ކަމާއެވެ. މިކަމުހެ ހުރި ބިރުވެރިކަން ކުޑަކޮށްވެސް އިޙުސާސް ނުވާ ހާލަތުގައެވެ.

އިސްލާމްދީނުގެ ތަނބު ނަމާދަށްވުރެ މުހިންމު ވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. ނަމާދަކީ ތިމާމެންގެ އީމާންތެރިކަމުގެ ތަޅުދަނޑިއެވެ. އެ ނަމާދުތައް އަދާކޮށްފި މީހާ އެހެން ފާފަތަކުން ދުރުހެލިވާނޭކަން ޔަޤީނެވެ. އެހެންކަމުން ފަތިސްނަމާދަށް ބަންގި ގޮވަން ދެން ހޭލާ އޮވެ ނަމާދު ނުކޮށް ބީރުކަންފަތެއް ދީ ނިދުމުގެ ނުރައްކާތެރިކަން އިޙުސާސްކޮށްލަމާ ހިނގާށެވެ.

ފަތިސް ނަމާދަށް ފަރުވާ ކުޑަ ކުރާ މީހުންނާއި ބެހޭ ގޮތުން ވާރިދުވެފައިވާ ވައެއް ބަސްފުޅު މިތާ ހިމަނާލާނަމެވެ.

އޭ އަޚާއެވެ. ! އެނގޭ ހެއްޔެވެ. ފަތިސް ނަމާދަށް ފަރުވާ ކުޑަކޮށް އެނަމާދަށް ނުތެދުވެ ޣާފިލްކަން މަތީ ނިދަން އޮންނަ މީހާގެ ކަންފަތަށް ޝައިޠާނާ ކުޑަގިފިލި ކުރާނެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. (ذُكِرَ عِنْدَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ فُلانَا نَامَ اللَّيْلَةَ حَتَّى أَصْبَحَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ” ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنِهِ أَوْ أُذُنَيْهِ “) މާނައަކީ: “ހެނދުނު ވަންދެން ނިދާފައި އޮތް މީހެއްގެ ވާޙަކަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވުމުން ޙަދިޘް ކުރެއްވިއެވެ. “އޭނާގެ ކަންފަތަށް ނުވަތަ ދެކަންފަތަށް ޝައިޠާނާ ވަނީ ކުޑަގިފިލި ކޮށްފައެވެ.”

އަނެއް ކަމަކީ ފަތިސް ނަމާދަށް ފަރުވާ ކުޑަ ކުރާ މީހުންނަށް ގިޔާމަތް ދުވަހުގައި ﷲ ފެނުމުގެ ނިޢްމަތުން މަޙްރޫމް ވެގެން ދިއުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ( إِنَّكُمْ سَتَرَوْنَ رَبَّكُمْ ، كَمَا تَرَوْنَ هَذَا الْقَمَرَ لَيْلَةَ الْبَدْرِ ، لا تُضَارُّونَ فِي رُؤْيَتِهِ ، فَانْظُرُوا ، لا تُغْلَبُوا عَلَى صَلاةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا ) މާނައަކީ: “ހަމަކަށަވަރުން ތިޔަބައިމީޙުންނަށް ހަނދު އަރާ ރޭރޭގައި ހަނދު ފެންނަ ފަދައިން ތިޔަބައިމީޙުން ހައްދަވާ ގެންގުޅުއްވާ އިލާހު ފެންނާނެއެވެ. އިރު އޮއްސުމުގެ ކުރިންނާއި އިރު އެރުމުގެ ކުރިން ކުރަން އޮންނަ ނަމާދަށް ފަރުވާ ކުޑަ ނުކުރާ ހުށި ކަމެވެ.”

ވީމާ މި ބަސްފުޅުތަކުންވެސް މިކަމުގެ ނުރައްކާތެރިކަން އެނގިގެން ދެއެވެ. ވީމާ ފަތިސް ނަމާދަށް ފަރުވާކުޑަ ނުކުރާށެވެ. ފަތިސް ނަމާދު ކުރުމަކީ އެހެން ނަމާދުތަކަށް ވެސް ހިތްވަރުލިބޭ ކަމެކެވެ.