English Edition
Dhivehi Edition

ރަހުމްކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ބްލޮގަރ، ޔާމީން ރަޝީދު މަރުގެ މައްސަލައިގެ ޙުކުމް އިއްވުން މިއަދަށް ތާވަލުކޮށްފިއެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލައިފަވަނީ 2017 ވަަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މ. ސްޕެޓީއުލާ ގޭ ސިޑި ކައިރިގައެވެ. މި މައްސަލާގައި ދައުލަތުން ދަޢުވާ އުފުލާފައިވަނީ، ހ.އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ.އިރަސްމިކުގޭ އަޙްމަދު ޒިހާން އިސްމާއިލާއި، ގދ.ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ.ކުދެހިގޭ ހަސަން ޝިފާޒާއި، މ.ތާއިފް އިސްމާއިލް ރަޝީދާއި މ.ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.

މި 6 މީހުންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

މިދިޔަ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަގައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި އެ މައްސަލައިގެ ހުކުމް ކުރުމަށް ނިންމައިފައެވެ. ނަމަވެސް ޔާމީން ރަޝީދުގެ އާއިލާއިން އެދިގެން ވަނީ ހުކުމް ކުރުން ފަސްކޮށްފައެވެ.

ދައުލަތުން ކޯޓުގައި ބުނެފައިވަނީ ޔާމީން ރަޝީދު މަރާލީ އޭނާއަކީ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހެއް ކަމަށް ދެކިގެންކަމަށާއި، އޭނާއަށް ހަމަލާ ދީފައިވަނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއްކަމަށެވެ.