English Edition
Dhivehi Edition

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މިއަހަރުގެ އަހަރީ ޖަލްސާ ބާއްވާ ތާރީޚު ކަނޑައަޅައިފިއެވެ. އެ ޔޫނިއަނުން ބުނީ މި އަހަރުގެ ފުރަތަމަ އަހަރީ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހު ކަމަށެވެ.

އެ ޖަލްސާގައި ބައިވެރިވުމަށް ހުރިހާ މެމްބަރުންނަށް ޔޫނިއަންގެ ހިންގާ ކޮމިޓީގެ ނަމުގައި ދައުވަތު އަރުވާފައިވާ އިރު، އަހަރީ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ ކަންތައްތައް ވެސް ވަނީ ހާމަކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔޫނިއަންގެ ނައިބު ރައީސްގެ މަގާމުން މުހައްމަދު މަހުރާން މާޖިދު އިސްތިއުފާ ދެއްވާފައިވާތީ ހުސްވެފައިވާ އެ މަގާމަށް އާ މެމްބަރަކު އިންތިޚާބު ކުރުމާއި އަލަށް އުފައްދާފައިވާ ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް މެމްބަރަކު އިންތިޚާބު ކުރުން ހިމެނެއެވެ.

އެ ޔޫނިއަނުން ބުނީ މި މަގާމް އުފެދުމާއި ގުޅިގެން ސްޕޯކްސް ޕަރސަންގެ މަގާމާއި އިވެންޓްސް ކޯޑިނޭޓަރގެ މަގާމު ބާތިލުވެ، އެ މަގާމުތަކުގެ ޒިންމާތައް އަލަށް އުފެއްދުނު މަގާމަށް ބަދަލުކުރެވިގެން ދާނެ ކަމަށެވެ. މި ދެމަގާމު އެއްކުރުމަށް ހިންގާ ކޮމިޓީން ނިންމާފައިވަނީ މެމްބަރުންގެ ތާއީދާއި އެކު، ހިންގާކޮމިޓީގެ މެމްބަރުންގެ އަދަދު މަދުވުމުން ކޮމިޓީގެ ހިންގުންތެރިކަން އިތުރަށް ހަރުދަނާ ކުރުވިގެންދާނެތީއެވެ.

މީގެ އިތުރުން، އެސޯސިއޭޓް އޮފިސަރ ގެ މަގާމުވެސް މިހާރުވަނީ އުވާލެވިފައެވެ.

ހުސްވެފައިވާ ޔޫނިއަންގެ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސް އަދި ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ ގެ މަގާމަށް ނަން ހުށަހަޅަން ބޭނުންވާ މެމްބަރުންނަށް، އެ ފުރުސަތު ހުޅުވާލާފައިވާ އިރު، ޖަލްސާގެ އެޖެންޑާއަށް އިތުރުކުރަން ބޭނުންވާ އެއްވެސް ކަމެއް ވާނަމަ، އެކަން ހުށަހެޅުމަށް ވެސް ވަނީ ހުޅުވާލާފައެވެ.

އެފަދަ ހުށަހެޅުންތައް ހުށަހަޅަން ބޭނުންވާ މެމްބަރުން [email protected] އީމެއިލްއަށް، 1 ފެބްރުވަރީ 2022 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ހުށަހެޅުމަށް އެ ޔޫނިއަނުން އެދެއެވެ.