English Edition
Dhivehi Edition

ޔޫ.އޭ.އީ އަށް ދިން ޙަމަލާއަކީ އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއް ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ދިވެހި ސަރުކާރުން މިހެން ބުނީ ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ އަބޫދާބީއަށް އަމާޒުކޮށް ދިން ޑްރޯން ޙަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އާއްމުންނަށާއި ސިވިލް އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް މި ދިން ޓެރަރިސްޓް ޙަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި އާއްމުންނާ ދަތުރުވެރިން ނުރައްކަލަށް ހުށަހެޅުނު ފިނޑި އަމަލެއްކަމަށެވެ.

ޔޫ.އޭ.އީގެ ސަލާމަތަށް ނުރައްކާކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުން ކުރާ މަސައްކަތުގައި ދިވެހި ސަރުކާރުން ޔޫ.އޭ.އީ ސަރުކާރާއެކު އޮންނާނެކަން ހާމަކޮށް، އެސަރަހައްދުގެ ސުލްހަ މަސަލަސްކަމަށް ޔޫ.އޭ.އީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ދިވެހި ސަރުކާރުން ވަނީ ތައުރީފްކޮށްފައެވެ.

ޓެރަރިޒަމާ ދެކޮޅަށް ބައިނަލްއަގްވާމީ މުޖްތަމައާ ގުޅިގެން ދިވެހި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

އިއްޔެ ގެ ވަގުތެއްގައި ދިން މި ޙަމަލާގައި 3 މީހަކު މަރުވެ، އިތުރު ބަޔަކު ވަނީ ޒަޚަމްވެފައެވެ.