English Edition
Dhivehi Edition
ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ރައީސް މުއިއްޒު ރާއްޖެ ވަޑައިގަތުން:-

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގައި ބޭއްވި ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެކުވެރި އަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓާ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

“މި ދަތުރުފުޅުގެ ތެރެއިން، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024ގައި ކުރެއްވި ތަގުރީރުގައި، ދިވެހިރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ވަރލްޑް ގަވަރމަންޓްސް ސަމިޓު 2024ގެ ހަވާސާގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތައް ބާއްވަވާފަ,” -ރައީސް އޮފީސް-

މީގެ އިތުރުން، އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި ބޭއްވި “އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ”ގައި ރައީސުލްޖުމްހޫރިއްޔާ ތަގްރީރު ކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެދާއިރާ ކުރިއަރައިދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. “އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ”އަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުން އެއްތަނަކުން ބައްދަލުވެ ގުޅުންބަދަހިވުމަށް މަގުފަހިވެގެންދިޔަ ފޯރަމެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެޤައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް “ރިވެލި” އިފްތިތާހް ކޮށްދެއްވިއެވެ.