English Edition
Dhivehi Edition

އިންޑިއާ އައުޓް ހަރަކާތް މިހާރު ވެފައިވަނީ ދެޤައުމުގެ ރައްޔިތުންގެ މަސްލަހަތަށް އެކަމުން ބުރޫއަރާ ނުރައްކާތެރި ހަރަކާތަށް ކަމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒޭ މިހެން ވިދާޅުވެފައި މިވަނީ “އިންޑިއާ އައުޓް”ގެ ހަރަކާތްފުޅާވެ، ފާރުތަކުގައާއި، މަގުތަކުގައި “އިންޑިއާ އައުޓް” ބެނާތައް ގިނަވަމުންދާތީއެވެ.

އެކަމުގެ ކަންބޮޑުވުން ސަރުކާރުން ވެސް ފާޅު ކުރައްވަމުންދާ މި ދަނޑިވަޅުގައި ރޮޒެއިނާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް ހީނަރުކަން ގެނެސް ސިޔާސީ ގޮތުން ވަކި މަންފާތަކެއް ހާސިލް ކުރުމަށް ކުރެވޭ މަސައްކަތަކީ އެކަމުން އާންމު ރައްޔިތުންނަށް ގެއްލުންކުރިމަތިވާނެ ހަރަކާތަކަށް ވެގެން ނުވާނެކަމަށެވެ.

“އިދިިކޮޅު ފަރާތްތަކުން ހިންގަމުންދާ އިންޑިއާ އައުޓް ހަރަކާތް މިހާރު ވެފައިވަނީ ދެޤައުމުގެ ރައްޔިތުންގެ މަސްލަހަތަށް އެކަމުން ބުރޫއަރާ ނުރައްކާތެރި ހަރަކާތަށް.” ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒޭ ވަނީ ސިޔާސީ ގޮތުން ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް ހާސިލް ކުރުމަށްޓަކައި، ސިޔާސީ ބޭނުމަށް ޤައުމުގެ ދުވަސް ދުއްވާ ނުލެއްވުމަށް ވެސް ގޮވައިލައްވާފައެވެ.

އިންޑިއާ އައުޓު ހަރަކާތް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފުޅާކުރަމުން ގޮސް، ތައުލީމީ ޚިދުމަތްދޭ ތަންތަނުގައި މިފަދަ އިބާރާތުން ލިޔަމުންދާތީ އެއީ ރާއްޖޭގެ ސްކޫލު މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ ށ. ފުނަދޫ ސްކޫލް ފާރުގައި “އިންޑިއާ އައުޓް” ލިޔުނު މައްސަލައިގައެވެ. އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަމުން އަންނައިރު، މިމައްސަލައާއި ގުޅިގެން އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިދިޔަ ހަފްތާގެ ތެރޭގައި ށ. ފުނަދޫގައި ކުރިއަށްދިޔަ ސިޔާސީ ޙަރަކާތެއްގެތެރޭގައި އިދިކޮޅު ލީޑަރަކު ގޭގޭގެ ފާރުތަކުގައި “އިންޑިއާ އައުޓް” ލިޔަންވެއްޖެކަމަށް ބުނެ ވާހަކަދެއްކިތާ މާގިނައިރުތަކެއް ނުވެ އެރަށުގެ ސްކޫލްގެ ފާރުގައި މިޢިބާރާތުން ލިޔެފައިވާކަމަށެވެ.

މިޢިބާރާތަކީ އެސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ސީދާ ޓާގެޓްކޮށް ލިޔެފައިވާ ޢިބާރާތެއްކަމަށް ވެސް އެޑިއުކޭޝަންގެ ބަޔާނުގައި ވަނީ ބުނެފައެވެ.