English Edition
Dhivehi Edition

އިޓާލިއަން ލީގުގައި އާދިއްތަ ދުބަހުގެ ރޭ އެޓަލަންޓާ އާއި އިންޓަ މިލާން ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

އެޓަލާންޓާގެ ދަނޑުގައި ރޭ މި ދެޓީމު ބައްދަލުކުރި މެޗު އެއްވަރުވީ އެއް ވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއިންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އިންޓަގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އިންޓަ އަށް މި ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އިންޓަގެ ފޯވާޑް އެލެކްސިކް ސަންޗޭޒް އަށެވެ. ސަންޗޭޒް ހުސްކޮށް ހުރެފައި ފޮނުވާލި ބޯޅަ އެޓަލަންޓާގެ ކީޕަރު ޖުއާން މޫސޯ ވަނީ މަތަކޮށްފަ އެވެ.

ފަހުހާފަށް ކުޅެން ނިކުމެ އެޓަލާންޓާއިން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދާފައިވެއެވެ. އެގޮތުން އެޓަލާންޓާގެ މަޓެއޯ ޕެސީނާ އިންޓަގެ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ ފޮނުވާލި ހަމަލާއެއް އިންޓަގެ ކީޕަރު ސާމިރު ހަންޑަނޯވިޗް ވަނީ މަތަކޮށްފަ އެވެ. މީގެ އިތުރުން ކައުންޓަ އެޓޭކެއްގައި ވެސް އެޓަލާންޓާއަށް ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ލުއިސް މުރިއޭލް ފޮނުވާލި ބޯޅަ އިންޓަގެ ކީޕަރު ހަންޑަނޯވިޗް ވަނީ ހުސިޔާރު ކަމާއި އެކު މަތަކޮށްފައެވެ.

ރޭގެ މެޗު އެއްވަރުވި ނަމަވެސް އިންޓަ އޮތީ ތާވަލްގެ އެއްވަނާގައެވެ. އެޓީމު އެއް ވަނައިގައި އޮތީ 21 މެޗުން ލިބުނު 50 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އޭސީ މިލާނެވެ. އެޓީމު ދެވަނާގައި އޮތީ 21 މެޗުން ލިބުނު 48 ޕޮއިންޓާއި އެކުގައެވެ. އަދި ރޭގެ މެޗުން އިންޓަ އަތުން އެއްވަރުވި އެޓަލާންޓާ އޮތީ 21 މެޗުން ލިބުނު 42 ޕޮއިންޓާއި އެކު ތާވަލުގެ ހަތަރު ވަނާގައެވެ.