English Edition
Dhivehi Edition

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގީޒް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭސް ބުނެފިއެވެ.

އިނގިރޭސި މީޑިއާތަކަށް ދިން ބަސްދީ ގަތުމެއްގައި މެންޑޭސް ބުނީ މިވަގުތު މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްލުމުގެ ވިސްނުމެއް ކްރިސްޓިއާނޯ ރޮނާލްޑޯގެ ނެތް ކަމަށެވެ. އަދި އަންނަ ސީޒަނުގައި ރޮނާލްޑޯ ފެނިގެން ދާނީ ޔުނައިޓެޑުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޔުނައިޓެޑްގެ ފޯމު ދައްވެ ފަހަކަށް އައިސް ހޯދަމުން އަންނަ ދައް ނަތީޖާ ތަކުގެ ސަބަބުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އަންނަ ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. އެގޮތުން މި ސީޒަނަށްފަހު ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ދާން ވިސްނަމުން އަންނަ ކަމަށް މީޑިއާގައި ވަނީ ވަރަށް ބޮޑަށް އަޑު ފެތުރިފައެވެ. އެހެން ނަމަވެސް މީޑިއާގެ މި ބުނުންތަކަށް ރައްދު ދެމުން ރޮނާލްޑޯގެ އޭޖެންޑް މެންޑޭސް ބުނީ ރޮނާލްޑޯ އަށް ކުލަބުގައި ފާޑުކިޔުންތައް އަމާޒުވި ނަމަވެސް އޭނާ ކުލަބު ދޫކޮށް ދިުމުގެ ވިސްނުމެއް އަދި ނުގެން ގުޅޭ ކަމަށެވެ.

ރޮނާލްޑޯގެ ވިސްނުން ހުރީ އަންނަ ސީޒަނުގައި ޔުނައިޓެޑާއި އެކު ކާމިޔާބީތައް ހޯދުމަށް ތައްޔާރަށް ކަމަށް މެންޑޭސް ބުންޏެވެ.

” ރޮނާލްޑޯއަށް ކިތެންމެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުން އައި ނަމަވެސް އޭނާ އަދި ހުރީ ކުލަބު ދޫކޮށްލުމުގެ ވިސްނުމުގައެއް ނޫން. ރޮނާލްޑޯ ބޭނުންވަނީ އަންނަ ސީޒަނުގައިވެސް ޔުނައިޓެޑާއި އެކު ކާމިޔާބީތައް ހާސިލް ކުރުމަށް ކުލަބުގައި މަޑުކުރަން. މީޑިއާގައި ފެތުރެނީ ރަނގަޅު ވާހަކަތަކެއް ނޫން.” މެންޑޭސް ބުންޏެވެ.

މިހާރު އުމުރުން 36 އަހަރުގެ ރޯނާލްޑޯ ޔުނައިޓެޑާއި ގުޅުނީ ނިމިގެން ދިޔަ ހޫނު މޫސުމުގައި އިޓަލީގެ ޔުވެންޓަސްއިންނެވެ. ރޮނާލްޑޯ އެނބުރި ޔުނައިޓެޑާއި ގުޅުނު ފަހުން މިހާތަނަށް ކުޅުނު 21 މެޗުގައި އޭނާ ވަނީ 14 ލަނޑު ޖަހައިދީފައެވެ.