English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގު ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓަށް ލީޑެއް މެންޗެސްޓާ ސިޓީން ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ޗެލްސީއާއި ދެކޮޅަށް ކުޅުނު މެޗު ސިޓީން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއިނެވެ.

ދެޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު އަދި ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމް މިޑްފީލްޑަރ ކެވިން ޑިބްރޭނާ އެވެ. މެޗުން ސިޓީ މޮޅުކޮށްދިން ލަނޑު ޑިބްރޭނާ ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގެ 70 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުން ޗެލްސީގެ މައްޗަށް ސިޓީން ކުރި ހޯދިއިރު، މިއީ މި ސީޒަނުގައި ސިޓީ އަތުން ޗެލްސީ ބަލިވި ދެވަނަ މެޗެވެ.

މި މޮޅާއެކު ސިޓީ އަށް 13 ޕޮއިންޓުގެ ލީޑެއް ލިބިފައިވާއިރު، އެޓީމު އެއްވަނައިގައި އޮތީ ކުޅުނު 22 މެޗުން ހޯދި 56 ޕޮއިންޓާއެކު އެވެ. ތާވަލުގެ ދެވަނައިގައި ޗެލްސީ އޮތީ 22 މެޗު ކުޅެގެން ލިބުނު 43 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ލިވަޕޫލް އޮތީ 20 މެޗުން 42 ޕޮއިންޓާއެކު އެވެ.