English Edition
Dhivehi Edition

ހަސަދަވެރިކަމަކީ އެއްއިންސާނަކު އަނެއްއިންސާނަކާއިމެދު އުފެދޭ ޖަޒުބާތުތަކާއި އިޙްޞާސްތަކުގެ ތެރެއިން އިންސާނާއަށް އެންމެ ގެއްލުންދެނިވި އެންމެ ނުރައްކާތެރި ޖަޒުބާތެވެ.

މި ޖަޒުބާތުގެ ސަބަބުން ތިމާގެ އަޚާ ނުވަތަ އުޙުތާގެ މައްޗަށް މުސީބާތްކުރިމަތިވުމަށް އެދުންވެރިވެއެވެ. އަދި ކޮންމެ ގޮތަކުންވެސް އެ ހަސަދަވެރިކަމުގައި ތިމާގެ އަޚާ ނުވަތަ އުޚުތާ ނެތިކޮށްލަން ހިތުގައި ވަރުގަދަ އަޒުމަކާއި ޖޯސެއް އުފައްދައެވެ. އަދި ތިމާ ހަސަދަވެރިވާ އަޚާ ނުވަތަ އުޚުތާ އަށް ކުރިމަތިވާ ކޮންމެ މުސީބާތްތެއްގެ ސަބަބުން ތިމާގެ ހިތައް ހަމަޖެހުމާއި އުފާވެރިކަމުގެ އިޙްސާސްތަށް ގެނުވައެވެ.

ހަސަދަވެރިކަމުގެ ނުބައިކަމުން ރައްކާތެރިވުމަށް މިއުންމަތައް އިރުޝާދުދެއްވަމުން މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީޡް ކުރައްވަވާފައިވާ ހަދީޡެއްގެ މާނާގައިވަނީ މިފަދައިންނެވެ.

“ހަސަދަވެރިކަމުން ރައްކާތެރިވާށެވެ! ހަމަކަށަވަރުން އެއީ އަލިފާނުން ދަރު އަންދާފަދައިން ހެޔޮކަންތައްތައް އަންދާލާކަމެކެވެ.” (އަބޫ ދާވޫދް)

ހަސަދަވެރިކަމަކީ ތިމާގެ ހިތުގެ ސާފުކަން ކިލަނބުކޮށް ފަސާދަކޮށްލާކަމެކެވެ. އެހެން ކަމުން އެއީ ބޮޑުވެގެންވާ ނުބައި ބަލިމަޑުކަމެކެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އާއި ސުވާލުދެންނެވުނެވެ. މި އުންމަތުގައިވާ އެންމެ ހެޔޮބަޔަކީ ކޮބައިތޯ އެވެ. އެ ހިނދު އެ މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީސްފުޅުކުރެއްވިބަސްފުޅެއްގެ މާނައިގައިވަނީ “އެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ހިތްސާފު އަދި ތެދުވެރި ދުލެއްގެ ވެރިންނެވެ.”

އަނެއްކާ އެބައިމީހުން ސުވާލުކުރިއެވެ. ދުލުގެ ތެދުވެރިކަމަކީ ކޮބައިކަން ތިމަންމެން ދަންނަމުއެވެ. އެކަމަކު ސާފުހިތަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ހަދީސްފުޅުކުރެއްވެވިއެވެ. “އެއީ އީމާންތެރި ޞާލިޙް ކުއްތަކުން ސަލާމަތްވެފައިވާ އަދި ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުން މިނިވަންވެފައިވާ ހިތެއްގެ ވެރިންނެވެ.” (އިބްނު މަޖާހް)

މާތް ﷲ މިފަދަ ނުރައްކާތެރި ވަބާތަކާއި ބަލި މަޑުކަމުން އަޅުގަނޑުމެންގެ ޤައުމާއި އެއްމެހާ މީސްތަކުން ސަލާމަތް ކުރައްވަވާ ރައްކައުތެރި ކުރައްވާށެވެ. އާމީން.