English Edition
Dhivehi Edition
ވިލާ ކޮލެޖުގެ ދަރިވަރުންތަކެއް - ފައިލް ފޮޓޯ

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި ފުރަތަމަ ހަފުތާގައި ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށް އެ ސްކޫލުން ބުނެފިއެވެ.

އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މިގޮތަށް ނިންމީ މާލޭގެ ކޮވިޑް ހާލަތު ގޯސްވެފައިވާތީ ކަމަށެވެ.

ދެ ވަނަ ޓަރމްގެ ކިޔެވުން މާދަމާ ފެށޭއިރު، އެ ސްކޫލުގެ މި ނިންމުމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އޭލެވެލްއަށް ކިޔަވައިދޭ ވިލާ ހައި އިންޓަރނެޝަނަލް ސްކޫލުން މި ނިންމުން ނިންމާފައިވާ އިރު، މިއީ މޮނިޓަރިންއަށް ލާފައި ނުވާ ރަށްތަކުގެ ތެރެއިން، އޮންލައިންކޮށް ކިޔަވައިދޭން ފަށާ ފުރަތަމަ ސްކޫލެވެ.

ކޮވިޑްގެ ބަލިމަޑުކަމާ ހުރެ، ފާއިތުވެ ދިޔަ ދެ އަހަރެއްހާ ދުވަހުގެ އޮންލައިންކޮށް ދަރިވަރުންނަށް ގިނައިން ކިޔަވައިދީފައިވާ އިރު، މީގެ ސަބަބުން ކުދިންގެ ތައުލީމަށް އަސަރުތަކެއް ކުރި ކަމަށް ބެލެނިވެރިން އަންނަނީ ބުނަމުންނެވެ.

މާދަމާ ކިޔެވުން ފަށާއިރު ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން ގްރޭޑް އެކަކުން އަށެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުވާނީ މަދުވެގެން ދެ ދުވަހު ކަމަށް ނިންމާފައިވާ އިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދެ ވަނަ ޓަރމްގެ ކިޔެވުން ފަށަން ސްކޫލުތައް ތައްޔާރު ވާއިރު، ކޮވިޑުގެ ބަލިމަޑުކަން ފެށުނު އިރު ހުރި އިންތިޒާމްތައް ގާއިމްކޮށް، އެ ކަންކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ސްކޫލުތަކަށް އަންނަނީ ހަނދާންކޮށްދެމުންނެވެ.

އެގޮތުން ސްކޫލަށް ވަންނައިރު ދަރިވަރުންނާއި ޓީޗަރުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމަށާއި އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެއްސުމާއި އަތް ދޮންނަން ހަނދާންކޮށްދިނުމާއި ސްކޫލު މާހައުލާއި ކްލާސްތެރޭގައި ގައިދުރުކަން ބެހެއްޓުން ހިމެނެއެވެ.

އެއްވެސް ވަރަކަށް ބަލީގެ އަލާމާތެއް ހުރި ނަމަ ދަރިވަރުން ސްކޫލަށް ނުފޮނުވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބެލެނިވެރިންނަށް އިލްތިމާސްކޮށްފައެވެ.