English Edition
Dhivehi Edition

ވެރިކަން ހޯދަން އުޅުނު އިރު ބަޣާވާތާއި މަނީލޯންޑަރިން އަދި އެމްއެމްޕީއާރްސީގެ ވަގު ފައިސާ ވެސް އޯކޭކަމަށް ވިދާޅުވެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ރައްދު ދެއްވައިފިއެވެ.

ކުރިޔަށް އޮތް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދޭން ޖެހޭނީ ބަޣާވާތް ކުރި މީހުންނާއި ޑްރަގުގެ ވިޔަފާރި އާއި ދައުލަތުގެ ފައިސާ އިން މަނީ ލޯންޑާ ކުރާ ފަރާތްތަކާ ދެކޮޅަށް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މި ވާހަކައަށް ރައްދު ދެއްވަމުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ މެމްބަރު އުޝާމް ވިދާޅުވީ ރައީސް ވިދާޅުވާ ބާޣީންނާއި އެމްއެމްޕީއާރްސީގެ ވަގު ފައިސާ ލިބުނު މީހުން އެންމެ ގިނައިން މިހާރު ވެސް ތިބީ އެމްޑީޕީ އާއި މި ސަރުކާރުގައި ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ފޯރި ގަދަވެފައިވާ މި ދުވަސްވަރު، އެ ގޮނޑިއަށް ވާދަކުރާ ޕާޓީތަކުން އަންނަނީ ވަރަށް ފޯރިއާއި އެކު ކެމްޕެއިން ކުރަމުންނެވެ. މިގޮތުން އެމްޑީޕީ އާއި އެމްއެންޕީ އަދި ޕީޕީއެމް ގެ އިސް މެމްބަރުން އެ ރަށަށް ޒިޔާރަތްކޮށް، ކެމްޕެއިން ކުރަމުން އަންނައިރު، ބައެއް މީހުން ގަބޫލުކުރާ ގޮތުން މި އިންތިހާބުގެ ނަތީޖާ އަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ވެސް ވަރަށް ބޮޑަށް ގުޅިފައިވާ އިންތިހާބެކެވެ.