ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް އޮންނަ ބާރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ހުސައިން އަމްރު އެ މަގާމުން ވަކި ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
އުޝާމްގެ ޓްވީޓުގަިއ ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމަށް ރައީސް އޮފީހުން އަންގާ އެންގުން ތަކަކީ ޕްރައިވަޓައިޒޭޝަން ގާނޫނާ ހިލާފަށް ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ.
“ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމުގެ ގާނޫނީ ބާރު ލިބިދީފައި ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް.” އުޝާމް ވިދާޅުވެފައި ވެއެވެ.
ޕްރައިވަޓައިޒޭޝަން ގާނޫނުގެ ސަރުކާރު ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި, ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނާ ގުޅޭ މައްދާގައި ބުނެފައި ވަނީ މި ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ސިފަތައް ކަނޑައަޅާފަ އެވެ. އަދި މި ތަންތަނުގެ ބޯޑަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަންޖެހޭ ފަރާތްތައް އައްޔަން ކުރުމުގައި އަމަލުކުރަން ޖެހޭ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަންތަނަށް ސަރުކާރުގެ ފަރާތުން އައްޔަން ކުރަން ޖެހޭ މީހުން އައްޔަނު ކުރުން ހިމެނޭ ކަމަށެވެ.
ޕްރައިވަޓައިޒޭޝަން ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ފިޔަވައި އެހެން އެއްވެސް ފަރާތަކަށް މިގާނޫނުގައި ބަޔާން ކޮށްފައިވާ މަސައްކަތްތައް ކުރުމުގެ އިހްތިސާސެއް ލިބިގެން ނުވާކަމަށެވެ.
ޕްރައިވަޓައިޒޭޝަން ގާނޫނުގައު މިހެން ބުނެފައި ވާއިރު ރައީީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަމްރު އެސްޓިއޯ އިން ވަކިކުރީ ސަރުކާރުން އެކަމަށް އެދި ހުށަހެޅުމުން ކަމަށެވެ.