English Edition
Dhivehi Edition

ސްރީދޭވީ ކުޅެފައިވާ 300 ވަނަ ފިލްމް “މޮމް”ގެ ޓްރައިލާ ހޮނިހިރު ދުވަހު ދައްކާލައިފިއެވެ. ރަވީ އުދްޔަވާރް ޑައިރެކްޓްކޮށް ބޯނީ ކަޕޫރް ޕްރިޑިއުސްކޮށްފައިވާ މި ފިލްމުގައި ސްރީދެވީ ކުޅެފައިވަނީ ޒުވާން އަންހެން ދަރިފުޅު އަރްޔާގެ ދިރިއުޅުމުގައި ދިމާވާ ހާދިސާތަކުން އެ ދަރިފުޅު ސަލާމްތަކުރުމަށް މަސައްކަތްކުރަމުންދާ މަންމައެއްގެ ރޯލުންނެވެ. މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސްރީދޭވީ ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓް ކިއުމާއެކު “މޮމް” މި ނަމުން އެކަނިވެސް މި ފިލްމަކީ އޭނާ ކުޅުމަށް އެކަށީގެންވާ ފިލްމެއް ކަމުގައި ޔަގީންވި ކަމަށެވެ. ނަވާޒުއްދީން އާއި އަކްޝޭ ކައްނާ ފަދަ ގިނަ ތަރިންތަކެއް ފެނިގެންދާ މި ފިލްމުގައި ގިނަ ތަރިންނާއެކު މަސައްކަތް ކުރަން ލިބުމުން އުފާވާ ކަމުގައި 53 އަހަރުގެ ސްރީދޭވީ ވަނީ ބުނެފައެވެ. ބޮލީވުޑްގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައިވާ ސްރީދޭވީ ބުނެފައިވަނީ މި ފިލްމު ކުޅެމުންދިޔަ އިރު އިހްސާސްވަމުން ދިޔައީ މީ އޭނާގެ ފިލްމީ ދާއިރާގެ ފުރަތަމަ މަސައްކަތްކަމުގައެވެ. އަންނަ ޖުލައި މަހުގެ 07 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ބެލުންތެރިންނަށް ކަމުދާނެ އިބުރަތްތެރި ގިނަ ވާހަކަތަކެއް ހިމެނޭ ފިލްމެއް ކަމަށް ސްރީދޭވީ ވަނީ ބެނެފައެވެ.