ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްގެން ތިލަފުށިން ބިން ވިއްކަން ނިންމައިފިއެވެ.
ބިދޭސީންނަށް ތިލަފުށިން ބިން ގަނެވޭ ގޮތަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނު އުސޫލު ބަދަލުކޮށް، ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް، ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަން އެޗްޑީސީން ނިންމީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމް ކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އިސްކަންދޭނެ ކަމަށް ވެސް އެޗްޑީސީން އެކަން އިއުލާނުކޮށް ނެރުނު ބަޔާނުގައި ވެއެވެ.
އެޗްޑީސީން ބުނީ އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ތިލަފުށީގައި ލޭންޑް ސެލްތަކެއް ހަދާނެ ކަމަށް. އަދި އެ ބިންތައް ޚާއްސަ ކުރާނީ ހަމައެކަނި ދިވެހި ވިޔަފާރިވެރިންނަށް ކަމަށް ފަޒުލް ވިދާޅުވިއެވެ.