English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާ 128 ބަނދަރެއް 5 އަހަރުގެ މި ދައުރު ނިމުމުގެ ކުރިން ނިންމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ނ. ލަންދޫ ބަނދަރު އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މިއަދަކީ ލަންދޫގެ ރައްޔިތުންނަށް މި ސަރުކާރުން ވީ ދެ ވަޢުދެއް ފުދިގެންދާ ދުވަސްކަން ފާހަގަކުރައްވާފައެވެ. އަދި ލަންދޫ ބަނދަރު މަޝްރޫޢަކީ ލަންދޫ ރައްޔިތުން އެ މަނިކުފާނުގެ އަރިހުގައި ދެންނެވި ގޮތަށް ކުރިޔަށް ގެންދެވުނު މަޝްރޫޢަކަށް ވުމަކީ އިތުރު ހިތް ހަމަޖެހުމެއް އެ މަނިކުފާނަށް ލިބިވަޑައިގެންނެވި ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުން މިހާތަނަށް ވަނީ ބަނދަރާ ޖެޓީގެ ގޮތުގައި 25 ތަނެއް ނިންމާފައި ކަމަށާއި 39 ރަށެއްގައި ޢަމަލީ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދާ 128 ބަނދަރެއް 5 އަހަރުގެ މި ދައުރު ނިމުމުގެ ކުރިން ނިންމުމަށް ސަރުކާރުން އަމާޒު ކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް ލަންދޫގައި މިއަދު ހުޅުވާ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިގަތް އިރު އެއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި މިހާރު އެ މިސްކިތުގެ ހުރިހާކަމެއް ނިމިގެން އެ ދަނީ ރައްޔިތުންގެ އެދުމާއި އެއްގޮތަށް 500 މީހުންގެ ޖާގައިގެ މިސްކިތެއް ގޮތުގައި ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި އަހަރު ތެރޭގައި ލަންދޫގެ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބައެއް މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދިޔަ ނަމަވެސް ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅެވޭނީ ޢިޖްތިމާއީ މައްސަލަ ޙައްލުކުރެވިގެން ކަމަށެވެ.

މި ގޮތުން ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާގެ މައްސަލަ ޙައްލުކުރުމަށް ނޭޝަނަލް ޓާސްކް ފޯސްއެއް ޤާއިމްކޮށްފައިވާ ކަމަށާއި، އެ ޓާސްކް ފޯސްގެ މަސައްކަތުގެ ނަތީޖާ މި އަހަރުގެ މެދުތެރޭގައި ފެންނާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި ބޭރުގެ އެހީތެރިކަން ހޯދާނެކަމަށާއި ރާއްޖޭގެ ބޯޑަރުތައް ބަލަހައްޓާނެ ކަމުގައި ވިދާޅުވިއެވެ.

މިއަދު ނ. ލަންދޫގައި އިފްތިތާޙްކުރި ބަނދަރަކީ 35.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އާ ޙަވާލުކޮށްގެން ސަރުކާރުން ކުރިޔަށް ގެންދެވި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އެތެރެތޮއްޓާއި ބޭރުތޮށިލުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަންދޫ ކައުންސިލްގެ ފަރާތުން ހަނދާނީ ހަދިޔާއެއް ވެދުން ކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންދޫގައި އަލަށް ޤާއިމުކުރި 500 މީހުންގެ ޖާގައިގެ މިސްކިތް ވެސް ހުޅުއްވައިދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ލަންދުއަށް މި ކުރައްވާ ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީގެ ފަސް ރަށަކަށް މިއަދު ފެއްޓެވި ދެ ދުވަހުގެ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. އެ މަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.