ޚިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތަކަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
“ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢު” އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވިދާޅުވީ ޚިދުމަތް އަވަސް ކުރުމަށާއި ފަސޭހައިން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވެމުންދާއިރު، ޚިދުމަތް ފޯރުކޮށްދޭން ތިބޭ ފަރާތްތަކަށް ފަސޭހަވާނެ ގޮތްތަކަށް އިންތިޒާމުތައް ހަމަޖައްސަންޖެހޭ ކަމަށެވެ.
އެގޮތުން ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ބަދަލުވެގެން ދިއުމަކީ މުޅި ސަރުކާރު ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތަށް އެންމެ ފުރިހަމަކަމެއް ގެނުވާނޭ އެއް ކަންތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
“ޤައުމުގެ ތަރައްޤީގެ ބޮޑެތި ބިޔަ މަޝްރޫޢުތައް އެކިއެކި ދުވަސްވަރު ހިނގަމުން އަންނައިރު، މިކަމަށް ދެވިފައޮތް ސަމާލުކަން ކުޑަ. އެހެންނަމަވެސް ފަސޭހަ އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ އިސްކަމެއް ދެއްވާ.” ހޮޓެލް ޖެންގައި މިއަދި މެންދުރު ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުން ކުރައްވާ މަސައްކަތަކީ މުޅި ޤައުމު ހިންގުން ކަމަށާއި އެ ފަރާތްތަކަށް މަސައްކަތްތައް ހިންގުމަށް އެންމެ ފަސޭހަގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން އަބަދު ވެސް ކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަސް، ފަސޭހަ ޚިދުމަތްތައް ލިބޭނެ މަގު ފަހި ކުރުމަކީ ސަރުކާރުން ކުރަންޖެހޭނެ އެންމެ މުހިންމު މަސައްކަތް ކަމުގައި ވެސް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ސިވިލް ސަރވިސްގެ އައު ވެބްސައިޓް ތަޢާރަފުކުރުމާއެކު، ސިވިލް ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢާގުޅޭ ޚާއްޞަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ސަރވިސް ޑިޖިޓަލް ޓްރާންސްފޮމޭޝަން މަޝްރޫޢުން ސިވިލް ސަރވިސްގެ ވިއުގައިގެ ތެރެއިން ދެމުން ގެންދާ ޚިދުމަތްތައް ސަރުކާރުގެ ލާމަރުކަޒީ ކުރުމުގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތިން ވަކިވަކި އިދާރާތަކުން ޚިދުމަތް ދިނުމަށް މަގުފަހި ކުރެވިގެންދާނެއެވެ.
މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.