English Edition
Dhivehi Edition

ވޭތުވެދިޔަ 5 އަހަރު ރާއްޖޭގައި ހިނގާފައިވާ އެކްސިޑެންޓްތަކުގެ އަދަދު 18000 އަށް ވުރެ ގިނަކަމަށާއި ފާއިތުވެ ދިޔަ ފަސް އަހަރު އެންމެ ބޮޑަށް ކަންބޮޑުވެ، އެންމެ ފުން ހިތާމައެއް ގެނުވީ މަގުމައްޗާއި ކަނޑުމަތީގެ އެކްސިޑެންޓުތަކުގެ ޚަބަރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

85 އަދި 86 ވަނަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ފާއިތުވި 5 އަހަރު މަގުމަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނެތް ކަމަށާއި މި އެކްސިޑެންޓް ތަކުގައި ކަންބޮޑުވާ އަދި ހިތާމަކުރަން ޖެހޭ އަދަދަކަށް މީހުން ދުނިޔެ ދޫކޮށްފައިވާކަން ނައިބު ރައީސް ފާހަގަ ކުރެއްވިއެވެ.

އެކްސިޑެންޓުގެ ނުރައްކާ ބޮޑީ ހަމައެކަނި މާލޭގައާއި ބޮޑެތި ރަށްރަށުގައި ނޫންކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެކްސިޑެންޓުތަކުގެ ނުރައްކާ ކުދި ރަށްރަށުގައި ވެސް ބޮޑު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ޚިދުމަތުން މަގުމަތީގެ އަމާންކަން ކަށަވަރުކޮށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަމަށެެވެ.

ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ގިނަ ކުދިންނަށް މި ޕްރޮގްރާމުގެ ދަށުން ވޭތުވެދިޔަ 10 އަހަރު މައުލޫމާތު ދީފައިވާ ކަމަށާއި ސަމާލުވުމަށް ރައްކާތެރިވުމަށް ގިނަ ކަންތައްތައް ކުރެވޭ ކަމަށެވެ.

ދަރިވަރުންނަށް ލިބޭ މިފަދަ ފުުރުސަތުތަކީ ވަރަށް މުހިންމު ފުރުސަތުތައް ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރޭ ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ 2014 ވަނަ އަހަރުން ފެށިގެން، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކޮށް، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމުގައި ޢަމަލީގޮތުން ދަރިވަރުން ބައިވެރިކުރުމުގެ މަޤުސަދުގައި އެޑިއުކޭޝަން މިނިސްޓްރީއާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.