English Edition
Dhivehi Edition

ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްއިން ހާޞިލްވާން އެދޭ އުއްމީދުތައް، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތަށް ފެތެންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ، ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 15 ވަނަ ކޮންފަރެންސްގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއަކީ “ޕޮލިޓިކަލް ވިޝަން: ދި 10 ޕޮއިންޓް ޕްލޭން ފޯ ފައިނޭންސިން ބަޔޯޑައިވާސިޓީ” ގެ ފައުންޑިން މެމްބަރެއް ކަމަށާއި، ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަކީ، ދިރުންތައް ނެތިދިޔުމާއި، ވައިފެން ތަޣައްޔަރުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ގައުމުތައް ކަމަށެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ، އިކުއެޑޯ، ގެބޮން އަދި އިނގިރޭސިވިލާތާއެކު ރާއްޖެއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްލޭންގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، ވެށި ހިމާޔަތްކުރުމަށާއި، ގެއްލުންތައް ފޫބެއްދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް، އެއްބާލުލުން ދެއްވުމަށް ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ޖަޒީރާ ގައުމުތަކަކީ، ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ގައުމުތަކަށް ވުމުން، ލިބިފައިވާ މުއްސަނދިކަމަކީ، ގޮނޑުދޮށްތަކާއި، ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ކަމަށެވެ. އަދި ގްލޯބަލް ބަޔޯޑަިއވަރސިޓީ ފްރޭމްވޯކް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކުލަވާލައި ނިންމުމަށް މަސައްކަތް ކުރެވެމުންދާއިރު، ދިރުންތައް ނެތިދިޔުމާއި، ލިބޭގެއްލުންތައް ހުއްޓުވައި، ނުވަތަ އިއާދަ ކުރުމަށްޓަކައި، އަމަލީގޮތުން ކުރެވޭނެ ކަންކަމާއި ވަޞީލަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ނައިބް ރައީސް ވިދާޅުވިއެވެ.

ނައިބް ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން، ގުދުރަތީ ނިޒާމްތައް ހަލާކުވެ، ދިރުންތައް މުޅިން ނެތި ފަނާވެގެން ނުދާނެކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލައްވާފައެވެ. އަދި ދުނިޔަވީ އިންތަކާއި، މިންގަނޑުތަކުގައި ދެމި ތިބުމަށާއި، އަދި ޤުދުރަތީ ނިޒާމްތަކާއި ފުށުނާރާނެ ގޮތެއްގެ މަތިން ދިރިއުޅުން ކުރިޔަށް ގެންދިޔުމުގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ގުޅިގެން މަސައްކަތްކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީ (ކޮޕް15) ކުރިއަށް ދަނީ ކެނެޑާގެ މޮންޓްރިއަލްގައި މި ޑިސެމްބަރުމަހުގެ 7އިން 19އަށެވެ. ގްލޯބަލް ބަޔޯޑައިވަސިޓީ ފްރޭމްވޯކްގައި ވަނީ މި ދިހައަހަރު ނިމުމުގެ ކުރިން، ދުނިޔޭގެ ކަނޑުތަކާއި އެއްގަމު ސަރަހައްދުތައް ހިމާޔަތްކުރުމަށާއި، ޕެސްޓިސައިޑް ބޭނުންކުރުން މަދުކުރުމަށާއި، ޕްލާސްޓިކް ކުނި ނައްތާލުމަށާއި، ދިރުންތައް ރައްކާތެރިކުރުމަށް، އަދި މާލީ ވަސީލަތްތައް އިތުރުކުރުމަށް، ސަރުކާރުތަކުން ވާޞިލްވާން ބޭނުންވާ އަމާޒުތަކާއި ހާޞިލްކުރަންބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅާފައެވެ.