English Edition
Dhivehi Edition

ކޮލެޖުން މާސްޓަރ ޑިގްރީ ހާސިލްކުރި ދަރިވަރުން އެވިޑް ކޮލެޖުން ހިންގާ ތަފާތު ރިސަރޗްތަކުގައި ބައިވެރިވުމަކީ އެދިވަޑައިގަންނަވާ ކަމެއްކަމުގައި އެ ކޮލެޖުގެ ޗެއަރމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެވިޑްކޮލެޖު 2020 އަދި 2021 ވަނައަހަރުގައި އެކޮލެޖުން މަތީ ތަޢުލީމު ޙާޞިލްކޮށް ތަފާތު ކޯސްތަކުން ސެޓްފިކެޓް ހާޞިލްކުރި ދަރިވަރުންގެ ގްރެޖުއޭޝަން ގައި ވާހަކަދައްކަވަމުންނެވެ.

މުސްތާގު ވިދާޅުވީ އެވިޑްގެ ހަރަކާތްތަކުގައި އެކޮލެޖުގެ ދޮރުން ނުކުންނަ ދަރިވަރުންނަށް ބައިވެރިވެވި، ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިވެފައިވާކަމަށެވެ.

އެވިޑްގެ ތަޢުލީމީ ދަތުރު ސިފަކުރައްވާ މުޝްތާޤް ވިދާޅުވީ އެއީ ބޮޑު އާގު ބޯޓެއްގައި، ގަދަ ކަނޑެއްގައި ގިނަ މައްސަލަތަކެއް ހިފައިގެން ކުރި ދަތުރެއްގެ ގޮތުގައެވެ.

“ބައެއް ހަމަލާތަކުން ރެކެންޖެހޭ ހާލަތު މެދުވެރިވި ނަމަވެސް، އެއްވެސް ހުއްޓުމެއްނެތި މިއަދާހަމައަށް މަސައްކަތްކުރީ އަމާޒަށް ވާސިލްވުމަށް. އެވިޑް ކޮލެޖްގެ ތަސައްވުރަކީ، އަބަދު ވެސް އެ ވިޑްކޮލެޖަކީ ބައިނަލްއަގްވާމީ ގުޅުންތަކާއެކު ދިވެހިރާއްޖޭގައި މަތީ ތައުލީމްދޭ އެންމެ އިސް އެއް މުއައްސަސާއަށް ހެދުން.” ޗެއަރމަން ވިދާޅުވިއެވެ.

ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުންގެންދާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖު ކަމަށްވާ އެވިޑު ކޮލެޖުން ހުޅުމާލޭ ހުރަވީ ސްކޫލްގެ ހޯލްގައި ބޭއްވި ގްރަޖުއޭޝަން ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވީ ޑރ. ރަޝީދާ މުޙައްމަދު ދީދީއެވެ. ދެވަނަ ދަންފަޅި ޝަރަފްވެރި ކޮށްދެއްވީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ.