English Edition
Dhivehi Edition

ޔުއެފާޗެމްޕިއަންސް ލީގުގައި ފައިނަލްގައި ރޭ އިޓާލިއަން ލީގުގެ ޗެމްޕިއަން ޖުވެންޓަސްއާއި ސްޕޭއިން ލީގުގެ ޗެމްޕިއަން ރިއަލްމެޑްރިޑް ބައްދަލުކުރި މެޗު 4-1 ލަނޑުން ކާމިޔާބުކޮށް ރިއަލްމެޑްރިޑްއިން ވަނީ ޖެހި ޖެހިގެން ދެވަނަ އަހަރުގައި ޗެމްޕިއންސް ލީގުގެ ތަށި އުފުލާލި ފުރަތަމަ ޓީމްގެ ޝަރަފު ހޯދާފައެވެ. ރޭ ވޭލްގެ ވެރިރަށް ކާޑިޕްގެ މިލޭނިއަން ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފްގެ 20 ވަނަ މިނެޓްގައި ރިއަލްމެޑްރިޑްގެ ތަރި ކްރިސްތިއާނޯ ރޮނާލްޑޯވަނީ ކަވަހާލް ތަނަވަސް ކޮށްދިން ފުރުސަތަކުން މެޗުގެ ފުރަތަމަ ފަހަރަށް ރިއަލްމެޑްރިޑްއަށް ލީޑުނަގާއި ދީ ރިއަލްމެޑްރިޑް އަށް ހިތްހަމަ ޖެހުން ގެނެސް ދީފައެވެ. އެހެންނަމަވެސް ޖުވެންޓަސް އިން ވަނީ ރިއަލްމެޑްރިޑްގެ ފުރަތަމަ ލަނޑާއި އެކީ މެޗުގެ ކުޅުން ރަނގަޅުކޮށް،ރިއަލްމެޑްރިޑް ލަނޑު ޖެހިތާ ހަތް މިނެޓް ފަހުން މެޗުގެ ނަތީޖާ ހަމަ ހަމަކޮށް ރިއަލްމެޑްރިޑް ހާސްކޮށްލުވާފައެވެ. މި ލަނޑު މެޗުގެ 27ވަނަ މިނެޓްގައި ޖަހާދީފައިވަނީ މާރިއޯ މަންޒުކިޗްއެވެ. މި ނަތީޖާއާއި އެކީ ފުރަތަމަ ހާފް ނިމުނު ކަމުގައި ވިޔަސް ރިއަލްމެޑްރިޑް އިން ވަނީ މެޗުގެ ދެވެނަ ހާފްގައި ކުޅުން ރަނގަޅު ވަރު ގަދަ ޖުވެންޓަސްގެ ޑިފެންސްލައިން ފޫއަޅުވައި ތިން ލަނޑު ޖަހާފައެވެ. މި ލަނޑުތައް ރިއަލްމެޑްރިޑް އަށް ކާމިޔާބުކޮށްދީފައި ވަނީ ކަސަމީރޯ،ރޮނާލްޑޯ އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނިކުތް މާކޯ އެސެންސިއޯއެވެ. ރޭގެ މޮޅާއި އެކީ ރިއަލްމެޑްރިޑްއިން ޗެމްޕިއަންސް ލީގުގެ ތަށި 12 ވަނަ ފަހަރަށް އުފުލާލަފައެވެ.އަދި ހަމަ އެހެންމެ ރޭގެ ފައިނަލްގައި ރޮނާލްޑޯ ޖެހި ދެ ގޯލާއި އެކު ރޮނާލްޑޯ ވަނީ 12 ލަނޑު ހަމަކޮށް އެންމެ ގިނަ ލަނޑު ޖެހި ކުޅުން ތެރިޔާގެ ޝަރަފު ހޯދާފައެވެ.