English Edition
Dhivehi Edition

ރައްޔިތުންނަށް ޚިދުމަތްތައް ދޭ ފަރާތްތަކުން ވީހާވެސް ލުއިފަސޭހަކޮށް ދިނުމަށް އަބަދުވެސް ވިސްނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެ އެވެ.

އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހިރިޔާ ސްކޫލްގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޚިދުމަތްތައް ދިނުމުގައި، އެއީ ދައުލަތުން އެއްވެސް ރައްޔިތަކަށް ދޭންޖެހޭ ޚިދުމަތެއްކަމުގައި ވަނީނަމަ އެމީހަކީ ކޮންމެ މީހަކު ކަމުގައި ވިޔަސް ތަފާތުކުރުމެއްނެތި އެ ޚިދުމަތެއް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޚިދުމަތް ދިނުމުގައި ކުންފުނިތަކާއި ދައުލަތުން ޚިދުމަތްދޭ ހުރިހާ ފަރާތްތަކުން ވެސް އިޙްލާޞްތެރިކަމާއެކު، ކޮންމެ ވަނީ އެދިވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް ވަނީ ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި ޞިއްޙީ ޚިދުމަތް ހޯދުމުގައި، ޚާއްޞަކޮށް އަވަސް ފަރުވާއަށް ބޭރަށް ފޮނުވަންޖެހޭ ފަރާތްތައް ފޮނުވުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން މި ބަލިމަޑުކަމާ ގުޅިގެން އަވަށްޓެރި ޤައުމުތަކުގެ ބޯޑަރުތައް ވެސް ބަންދުކޮށްފައި އޮއްވާ އަވަސް ފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްތަކަށް އެ ފުރުޞަތު ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި މަސައްކަތްފުޅު ފާހަގަކުރައްވައި އެމަނިކުފާނަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި އިންޑިޔާގެ ބޯޑަރު ބަންދުކޮށްފައި އޮވެމެ، ރާއްޖެއިން އަވަސްފަރުވާއަށް އިންޑިޔާއަށް ދާންޖެހޭ ފަރާތްކަށް ޚާއްޞަ ހުއްދައެއްގެ ދަށުން އެ ފުރުޞަތު ފަހިކޮށްދެއްވީތީ އިންޑިޔާ ސަރުކާރާއި އެކަމުގައި މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން ރައީސުލްޖުމްރިއްޔާގެ ނައިބު ވަނީ ބޭސްފަރުވާއަށް އާސަންދަ މެދުވެރިކޮށް ކޮންމެ އަހަރަކު، ރާއްޖޭގެ އާބާދީގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު ބޭސްފަރުވާ ކުރަމުންގެންދާކަން ފާހަގަކުރައްވައި، ބަލި ޖެހުމުގެ ކުރިން ރައްކާތެރިވެ ތިބުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އާސަންދަ މޮބައިލް އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވާފަ އެވެ. އަދި އާސަންދަ ކުންފުނީގައި 10 އަހަރު ދުވަހު މަސައްކަތްކުރެއްވި މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ދިން އެވޯޑްތައް އެ މުވައްޒަފުންނާ ހަވާލުކޮށްދެއްވީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. މި ޙަފްލާގައި އާސަންދަ ކުންފުނީގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.