އައްޑޫ ސިޓީ ހިތަދޫއަށް މިއަހަރުގެ ފުރަތަމަ ކްރޫޒްލައިނާ ބަނދަރުކޮށް، އެ ސިޓީގެ ޓޫރިޒަމަށް އާ ދިރުމެއް ގެނެސްދީފިއެވެ. “އެމްއެސް އައިލެންޑް ސްކައި” ނަމަކަށް ކިޔާ މި ބޯޓު އައްޑޫއަށް އައިސްފައިވަނީ ސީޝެލްސް އިން ފުރައިގެންނެވެ. މިއީ މާލެ ނޫން ސަރަހައްދަކަށް މިއަހަރު ކްރޫޒްލައިނާއެއް ބަނދަރުކުރި ފުރަތަމަ ފަހަރެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މި ބޯޓުގައި 84 ޓޫރިސްޓުންނާއި 81 ފަޅުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މުޅިންވެސް ޔޫރަޕްގެ ގައުމުތަކަށް ނިސްބަތްވާ ޓޫރިސްޓުންނެވެ. އިމިގްރޭޝަނުން މިހާރު ވަނީ މި ހުރިހާ ފަރާތްތަކަށް ކްލިއަރެންސް ދީ، ރަށުތެރެއަށް ފައިބައި އުޅުމުގެ ހުއްދަ ދީފައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ މި ހިނގާ އަހަރު ރާއްޖެއަށް އައި ތިންވަނަ ކްރޫޒްލައިނާއެވެ. މީގެ ކުރިން ރާއްޖެ އައި ދެ ކްރޫޒްލައިނާ ވެސް ބަނދަރުކޮށްފައިވަނީ މާލެއަށެވެ. މިފަދަ ބޯޓުތައް އައުމަކީ އައްޑޫގެ އިގްތިސާދަށާއި ޓޫރިޒަމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. ޓޫރިސްޓުން ރަށުތެރެއަށް ފައިބައި، ވިޔަފާރިތަކުން ޚިދުމަތް ހޯދުމަކީ އާންމު ވިޔަފާރިތަކަށް ވެސް ލިބޭނެ ފައިދާއެކެވެ.