ހުޅުދުއާއި މީދޫ އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ވަކިކުރަން އާންމުގެ ޚިޔާލު ހޯދުމުގެ މަސައްކަތް އައްޑޫ މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒައިނާ އާދަމް ފައްޓަވައިފި އެވެ.
އައްޑޫ ސިޓީގައި ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ އެއްފަސް ދެރަށްކަމުގައިވާ ހުޅުދުއާއި މީދޫ އއްޑޫ ސިޓީ ކައުންސިލުގެ ދަށުން ވަކިކުރަން އާންމުންގެ ޚިޔާލު ހޯދަން ރޮޒައިނާ ފައްޓަވާފައިވަނީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ އެ ދެ ރަށް އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮވެގެން އެދެރަށުގެ ރައްޔިތުންނަށް ވަނީ ފައިދާ ތޯ ނުވަތަ ގެއްލުން ތޯ ބަލަންޖެހިފައިވާ ކަމަށެވެ.
“އެކަމަށްޓަކައި ވިސްނައި ބަހުސްކޮށް ހައްލެއް ހޯދަން ވަނީ ޖެހިފަ. ހުރިހާ ކަމެއްގައިވެސް އެދެރަށުގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވޭ” ރޮޒައިނާ ވިދާޅުވެފައި ވެއެވެ.
ރޮޒައިނާ އިތުރަށް ވިދާޅުވީ އެ ޝަކުވާތަކުގެ ހައްލު އަލަށް އިންތިޚާބުވި ކައުންސިލްގެ ފަރާތުން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އެހެންކަމުން ހުޅުދުއާއި މީދޫ، އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ވަކިކުރުމަކީ ރައްޔިތުން އެދޭ ގޮތްނަމަ، އަންނަ ފެބްރުއަރީ މަސް ތެރޭ އެކަމަށް ބޭނުންވާ ގާނޫނީ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ވެސް ރޮޒައިނާ ވިދާޅުވެފައި ވެއެވެ.
ހުޅުދުއާއި މީދޫ އަކީ އައްޑޫގެ ގުޅިފައިވާ އަވަށްތައްކަމުގައިވާ މަރަދޫ، ފޭދޫ، މަރަދޫ-ފޭދޫ، އަދި ހިތަދުއާ ވަކިން އޮންނަ ދެ އަވަށެވެ. ރަށްތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތުތަކާއެކު ހުޅުދުއާއި މީދޫގެ ބައެއް ރައްޔިތުންގެ ޝަކުވާއަކީ މީގެކުރިން ވެސް އިވޭ އަޑެކެވެ.