English Edition
Dhivehi Edition

އައްޑޫސިޓީގެ މޮނިޓަރިން ހާލަތުން އުވާލުމަށްޓަކައި ނަގަންޖެހޭ ރެންޑަމް ސާމްޕަލްތައް މިހާރު ނަގަމުން ދާ ކަމަށާއި މި ކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ނިޒާރު ވިދާޅުވީ އައްޑޫސިޓީގެ މޮނިޓަރިން ހާލަތުން އުވާލުމަށް ނަގަންޖެހޭ ރެންޑަމް ސާމްޕަލްތައް ނެގުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ)އިން އަންގާފައިވާ ކަމަށާއި މޮނިޓަރިން އުވާލެވެން އޮތީ ކަނޑައެޅޭ ވަކި މިންވަރަކަށް ސާމްޕަލް ނެގިގެން ކަމަށެވެ.

“އަދި މިދަނީ ތަރުޙީބު ކުޑަ ގޮތަކަށް. އެންމެން މަސައްކަތް ކޮށްގެން މިކަމުން އަވަހަށް އަރައިގަނެވޭނީ. ވަރަށް ބޮޑު އެދުމެއް ވީހާ ގިނަ ބަޔަކު ސާމްޕަލް ދިނުމުގައި އެހީތެރިވެދިނުން” ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ މޮނިޓަރިންގެ ހާލަތު އުވާލެވޭނީ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހަށް ބަހާލައިގެން ރެންޑަމް ސާމްޕަލްތައް ނެގުމަށް އަންގާފައިވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އައްޑޫ ސިޓީގެ މޮނިޓަރިން އުވާލުމަށް އެޗްޕީއޭއިން ވަނީ ގާތްގަނޑަކަށް، އާބާދީގެ %5 ގެ ސާމްޕަލްތައް ނެގުމަށް ހޮސްޕިޓަލުގައި އެދިފައެވެ.

އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތުގައި އޮންނަތާ ސަތޭކައަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ސިޓީއިން ޖުމްލަ 2941 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު 49 އެއްގައި އުޅޭއިރު، އެ ސިޓީއިން ބަލިޖެހުނު 2880 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

 

1 ކޮމެންޓް
އަބްދުالله
ޑިސެމްބަރު 24, 2021
ފޯކްސް ފޮޒިޓިޓް ވެގެން ގޭގައި ހުންނަން ޖެހޭތީ މީހުންގެ އެއްބާރުލުން ނުލިބެނީ