English Edition
Dhivehi Edition

އައްޑޫ ސިޓީގައި ޓޫރިޒަމް އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސީ ޕްލޭން ހަބަކާއެކު “އައްސޭރި ޓޫރިޒަމް” މަޝްރޫއެއް ފެށުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާގައި ސަރުކާރުގެ އަމާޒަކީ އައު 20 ރިސޯޓް މިއަހަރު ހުޅުވައި 2857 އެނދު އުފެދިގެން ދިޔުން ކަމަށެވެ. އަދި ނެހެދި ހުރި ރިސޯޓްތައް ނިންމަން ފުރުޞަތު ފަހިކޮށްދީ، ފަތުރުވެރިކަން ތަރައްޤީކުރުމަށް ކުއްޔަށްދޫކޮށްފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ތެރެއިން، އެކިއެކި ސަބަބުތަކާއި ހެދި މަސައްކަތް ހުއްޓިފައިވާ ތަންތަން ތަރައްޤީކުރުމަށް ހުރި ދަތިތަކާއި ހުރަސްތައްބަލައި އެކަންކަމަށް ހައްލުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ސީ ޕްލޭން ބޮޑު ހަބެއް ޤާއިމުކުރުމާއި އެ ސިޓީއަށް “އައްސޭރި ޓޫރިޒަމް” ތައާރަފްކުރުން ހިމެނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ މަޝްރޫއ އިފްތިތާޙް ކުރުމުގެ ގޮތުން އައްޑޫ ސިޓީއަށް ޚާއްޞަ ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނެއްގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމް ތަރައްޤީކުރަން ދޫކޮށްފައިވާ 63 މަޝްރޫޢެއް ނިންމައި މާކެޓަށް ނެރުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ފައިނޭންސް މިނިސްޓްރީއާއި މީރާ އަދި އިކޮނޮމިކް ކައުންސިލް ގުޅިގެން ސިޔާސަތެއް މިހާރު އެކުލަވާލެވެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގައި ބްރިޖްތަކާ ކޯޒްވޭތަކުން ގުޅުވާލައިގެން އާބާދުކުރެވެން ހުރި މިފަދަ އެތައް ސަރަޙައްދެއް ގުޅުވައިލުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމަށާއި އެގޮތުން ކުރައްވާނެ އެންމެ މުހިއްމު މަޝްރޫއަކީ އައްޑޫ ސިޓީގެ ރަށްތައް މި ދައުރުގައި ބުރިޖަކުން ގުޅުވައިލުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.