English Edition
Dhivehi Edition
މިފްކޯ މަސްފެކްޓްރީއަށް ވަދެ މުޒާހަރާ ކުރުން

މަސްވެރިން މަސްކިރުވުމަށްފަހު ލިބެންޖެހޭ ފައިސާ ނުލިބޭތީ މަސްވެރިން ކޫއްޑޫގައި ހުންނަ މިފްކޯ މަސް ފެކްޓްރީއަށް މިއަދު ހެނދުނު ވަދެ މުޒާހަރާކުރަން ފަށައިފިއެވެ.

މަސްވެރިން މުޒާހަރާ ކުރަމުން ގެންދަނީ އެމީހުން އަތުން މިފްކޯއިން މަސްގަނެ ދޭންޖެހޭ ފައިސާ ދިނުމަށް ގޮވާލައެވެ.

މަސްވެރިންނަށް މަސް ކިރުވުމަށްފަހު ފައިސާ ނުދީ ގިނަ ދުވަސްތަކެއް ވެގެން މަސްވެރިންގެ ޝަކުވާ ބޮޑުވެފައިވާއިރު, ސަރުކާރުން ވަނީ މިފްކޯއަށް މަސް ގަންނަ އަގުވެސް ހެޔޮކޮށްފައެވެ.

މިގޮތުން އެމްޑީޕީގެ ވެރިކަމުގައި 25 ރުފިޔާއަށް މަސްކިލޯއެއް ގަތުމަށް ނިންމާފައި އޮތް އޮތުން މިހާރުވަނީ 20 ރުފިޔާއަށް ބަދަލުކޮށްފައެވެ.

މި ސަރުކާރު ހަވާލުވީ ފަހުން މަސްވެރިންނަށް 270 މިލިއަން ރުފިޔާ ނުދެވި އެބައޮތްކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިދިޔަ ހަފްތާގައި މިނިސްޓަރު ވިދާޅުވެފައިވަނީ މިއަދަދު ނުދެވި އޮތް ނަމަވެސް, 422 މިލިއަން ރުފިޔާ މަސްވެރިންނަށް މިސަރުކާރު ހަވާލުވިފަހުން ދައްކާފައިވާކަމަށެވެ.

ކިރުވި މަހަށް ފައިސާ ނުލިބިގެން މަސްވެރިން މުޒާހަރާ ފަށާފައިވާއިރު, މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދު ފުޅެކެވެ.