ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފިއެވެ.
ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގެންފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތުފުޅަކަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޝެއިޚް ހަސީނާއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު އަލީ އާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދެވެ.
ޝެއިޚް ހަސީނާގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ. އެއީ އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އާ ގުޅޭ ގޮތުން ވެވޭ އެއްބަސްވުމަކާއި ދެ ގައުމުގެ ދެމެދުގައި ގައިދީން ބަދަލުކުރުމަށް ވެވޭ އެއްބަސްވުމެކެވެ. އަދި މެޑިކަލް ސައިންސްގެ ދާއިރާއިން ރާއްޖެއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގެ އިތުރުން ޒުވާނުންނާއި ކުޅިވަރާ ގުޅުންހުރި ކަންކަން އިތުރަށް ތަރައްގީ ކުރުމަށް ވެވޭ އެއްބަސްވުމެކެވެ.
ބަންގްލަދޭޝުން ސިއްހީ ދާއިރާގެ މުވައްޒަފުން ރެކްރޫޓު ކުރުމަށް ވެފައިވާ އެއްބަސްވުން އައު ކުރަން ނިންމާފައިވާއިރު ދެ ގައުމުގެ އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުން ބަންގްލަދޭޝްއިން ރާއްޖެއަށް 13 އަސްކަރީ ވެހިކަލް ހަދިޔާ ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ޝެއިޚް ހަސީނާގެ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަހުމަދު މުއުތަސިމް އަދުނާން އާއި ވެސް ބައްދަލުކުރައްވާނެއެވެ.