ވޭތުވެދިޔަ 4 މަހާއި 10 ދުވަހަށް ފަހު އައްޑޫސިޓީން ކޮވިޑް-19 ގެ ކޭސް އެއް ނުފެނިދިޔަ ހަމައެކަނި ދުވަހަކީ އިއްޔެއެވެ. މިހާރު އައްޑޫސިޓީގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ އަދަދަކީ 53 އެވެ. އެއީ ހިތަދޫގެ 44 މީހުންނާއި މަރަދޫގެ 5 މީހަކާއި މީދޫގެ 2 މީހެއްގެ އިތުރުން ފޭދޫގެ 2 މީހުންނެވެ. އިއްޔެ އައްޑޫސިޓީގައި ކޮވިޑް-19 ޖެހި ރަނގަޅުވި މީހުންގެ އަދަދަކީ 3 އެވެ. އޭގެ ތެރޭގައި ކޮވިޑް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިން މީހަކުވެސް ހިމެނެއެވެ. މިވަގުތު އައްޑޫސިޓީގައި ކަރަންޓީނު ކޮށްފައިވާ އެއްވެސް ތަނެއް ނެތެވެ. އިއްޔެވަނީ 107 މީހެއްގެ ސާމްޕަލް ނަގާ ޓެސްޓު ކޮށްފައެވެ.
އައްޑޫގެ ކޮވިޑްގެ ޙާލަތު މިވަގުތު ރަނގަޅުވެފައިވާތީ މޮނިޓަރިން އިން ނަގައިދިނުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ އެޗްޕީއޭގައި އެދިފައެވެ. އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއާއި ފޭދޫ މޮނިޓަރިންއަށް ލީ މިދިޔަ އޯގަސްޓު މަހުގެ 28 ގައެވެ. ސިޓީގެ ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.
އައްޑޫގައި މިވަގުތުވެސް ވަނީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއްގެއިން އަނެއް ގެއަށް ޒިޔާރާތް ކުރުން މަނާ ކުރުމާއި އާއްމު އެއްވުންތަކާއި ހަރަކާތްތައް ނުބޭއްވުމާއި ސްކޫލްތަކުގެ ކިޔެވުން ފިޔަވައި އިތުރު ހަރަކާތްތައް މަޑު ޖައްސާލުމަށާއި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާ ހަމައަށް، ކުރިން ވެސް އޮތްގޮތަށް ކާފިއު ދެމެހެއްޓުން ހިމެނެއެވެ.
ކޮވިޑް 19 ގައި އައްޑޫން މިހާތަނަށް 13 މީހަކު ވަނީ ނިޔާވެފައެވެ.