English Edition
Dhivehi Edition

ގދ. ތިނަދޫ ވިޔަފާރި ބިންތަކުގެ ކުލި ބޮޑުކުރަން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުން ނިންމުމާއެކު، ވިޔަފާރިވެރިން ނުރުހުން ފާޅުކޮށްފިއެވެ.

އެގޮތުން ތިނަދޫގެ ގިނަ ވިޔަފާރިވެރިން ވަނީ އެމީހުންގެ ކަންބޮޑުވުންތަކާއެކު ތިނަދޫ ކައުންސިލާއެކު މިއަދު މަޝްވަރާގެ ބައްދަލުވުމެއް ބާއްވާފައެވެ.

ތިނަދޫ ބައެއް ވިޔަފާރި ބިންތަކުގެ ކުލި 10 އަހަރުތެރޭ އަކަފޫޓެއް 4 ރުފިޔާއަށް ރޭޓަށް ބޮޑުވާގޮތަށް ކައުންސިލުން ވަނީ ނިންމާފައެވެ. ކުލި ބޮޑުކުރަން ނިންމާފައިވަނީ އަހަރުތަކަށް ބަހާލައިގެން ކަމަށާއި އެއްފަހަރާ ނޫންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި ތިނަދޫ ކައުންސިލުން ބުނީ ކުލި ބަދަލުކުރަން ނިންމީ އެއްފަހަރާ ބޮޑުވާ ގޮތަށް ނޫންކަމަށާއި 10 އަހަރުން ބޮޑުވާގޮތަށް ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ބިމާ ބެހޭ ޤާނޫނަށް ރިއާޔަތްކޮށް ކަމަށްވެސް ކައުންސިލުން ބުނެއެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކޮށްފައިވަނީ ވިޔަފާރި ބިންތަކުން ނަގާ ކުލި ބޮޑުކުރަން ނިންމުމާއެކު އެ ކުލީގައި ވިޔަފާރިތައް ނުހިންގޭނެ ކަމަށް ބުނެއެވެ. ބައެއް ވިޔަފާރިވެރިން ބުނީ ބޮޑެތި އިންވެސްޓްމަންޓްތައް އެ ބިންތަކަށް ވިޔަފާރިވެރިން ކޮށްފައިވާއިރު އެ ބިންތަކުގެ ކުލި އަތް ނުފޯރާ ވަރަށް ބޮޑުކުރުމަކީ އެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ލިބޭނެކަމެއް ކަމަށެވެ.

ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންވާއިރު ތިނަދޫ ބިންތަކުގެ ކުލި، ވިޔަފާރިވެރިންނާ މަޝްވަރާކުރުމެއް ނެތި ތިނަދޫ ކައުންސިލުން ބޮޑުކުރަން ނިންމުމަކީ ކަންބޮޑުވާކަމެއް ކަމުގައި ވިޔަފާރިވެރިންވަނީ ފާހަގަކުރައްވާފައެވެ. އަދި ކުލި ބޮޑުކުރުމުން ބައެއް ވިޔަފާރިތައް ދެކޮޅު ޖެއްސުމަށް ތަކެތީގެ އަގު ބޮޑުވެގެން ދިއުމަކީ ތިނަދޫގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުންނާނެ ކަމެއް ކަމުގައިވެސް ބައެއް ވިޔަފާރިވެރިން ފާހަގަކުރައްވާފައިވެއެވެ.

ތިނަދޫ ކައުންސިލުން މިއަދުގެ ބައްދަލުވުން ނިންމާފައި ވަނީ އެ ކައުންސިލުގެ ނިންމުން މުރާޖާ ކުރުމަށް ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމުގެ ޔަގީންކަން ވިޔަފާރިވެރިންނަށް ދެއްވާފައެވެ.